ހުޅުމާލޭގެ މަގު ހެދުމަށް ޗައިނާ ކުންފުންޏަކަށް

ހުޅުމާލޭގައި މަގު ހެދުމަށް، ޗައިނާ ކުންފުންޏަކަށް 91.8 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލު ކޮށްފިއެވެ. އެކުންފުނިން ހަދާނީ ޖުމްލަ 19،001 އަކަމީޓަރުގެ މަގެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނިގޮތުގައި މި މަސައްކަތް ހަވާލުކޮށްްފައި ވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއަކީ އޮކްޓޯބަރު 2، 2022 ގައި ހުޅުމާލޭގެ ޓެމްޕަރަރަރީ ވޯކްސް އެކޮމޮޑޭޝަން ތަރައްގީ ކުރުމަށް ރޮޓައިމްއާ ހަވާލުކުރި މަސައްކަތުގެ ބަދަލުގައި ހެދި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުން ބަދަލުކުރީ ހުޅުމާލޭގެ މާސްޓާޕްލޭން ބަދަލުވުމާއި، އެ ސަރަހައްދުގައި ބައިނަލްއަގްވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅަން ޔޫތު މިނިސްޓްރީން ނިންމުމާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މަގަކާއި، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކަރިއީގައި އޮންނަ މަގާއެކު 19،001 އަކަމީޓަރުގެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8012 އަކަމީޓަރުގެ ސަރަހައްދެއްގައި އަލުން ތާރު އެޅުމުގެ މަސައްކަތް ވެސްކުރާނެއެވެ. މި މަސައްކަތަށް ފައިސާ ދައްކާނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން 50% ފައިސާ އަހަރު ދުވަހަށް ބަހައިގެން ދައްކާނެއެވެ. އަދި ބާކީ 50% ފައިސާ ދައްކާނީ 2027 ވަނަ އަހަރުން ފެށިގެން 6 އަހަރުގެ ތެރޭގައެވެ. 

 

ހިއްސާ ކުރައްވާ!