އިންޑިއާގެ ދަނޑުވެރިކަމުގެ ތާރީޚު މިވަނީ މުޅިން ބަދަލުވެފައެވެ. 1960ގެ އަހަރުތަކުގައި ބަނޑުހައި ހޫނުކަމުން ސަލާމަތްވުމަށް އެމެރިކާގެ ގޮދަނުގެ އެހީއަށް ބަރޯސާވެފައި އޮތް އިންޑިއާ، މިއަދު ވަނީ ދުނިޔޭގެ އެންމެ ގިނައިން ހަނޑޫ ބޭރުކުރާ ގައުމުގެ މަޤާމަށް އަރާފައެވެ. މިހާރު އެމެރިކާއަށް އެތެރެކުރާ ހަނޑުލުގެ ގާތްގަނޑަކަށް 4 ބައިކުޅަ އެއްބައި ފޯރުކޮށްދެނީ އިންޑިއާއިންނެވެ.
މި ބޮޑު ބަދަލު އައުމުގެ އަސްލަކީ އިންޑިއާގައި އިންދިރާ ގާނދީގެ ސަރުކާރުން 70ގެ އަހަރުތަކުގައި ފެށި "ދަނޑުވެރިކަމުގެ ފެހި އިންގިލާބު" އެވެ. މި އިންގިލާބުގެ ސަބަބުން ފެން ތިޔާގިވެ، ގިނަ އަދަދެއްގެ ދަނޑުވެރި ބާވަތްތައް އުފެއްދުމަށް ފަހިވެ، ދަނޑުވެރިކަމުގެ އާ އުކުޅުތައް ތަޢާރަފު ކުރެވުނެވެ. 1970ގެ އަހަރުތަކާ ހަމައަށް އިންޑިއާއަށް ވަނީ ކާނާ އުފެއްދުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލު ކޮށްފައެވެ. އަދި 2020ގެ އަހަރުތަކާ ހަމައަށް އައިއިރު، އިންޑިއާ ވަނީ ހަނޑޫ އެކްސްޕޯޓުކުރުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ޤައުމަށް ވެފައެވެ.
ކުރިން އިންޑިއާ އިން ބަރޯސާވީ، އެމެރިކާގެ "ފުޑް ފޯ ޕީސް" ޕްރޮގްރާމްގެ ދަށުން ބަނޑުހައި ހޫނުކަން ހުއްޓުވުމަށް އެތައް މިލިއަން ޓަނުގެ ގޮދަނުގެ އެހީ ބަލައި ގަތުމަށެވެ. އިންޑިއާގައި ދަނޑުވެރިކަމުގެ އިންގިލާބެއް އައިސް، މިހާރު ވަނީ އަހަރަކު 22 މިލިއަން ޓަނަށްވުރެ ގިނަ ހަނޑޫ އެކްސްޕޯޓުކުރަން ފަށާފައެވެ. 2024 ވަނަ އަހަރު އެކަނިވެސް އިންޑިއާއިން އެމެރިކާއަށް 380 މިލިއަން ޑޮލަރުގެ ހަނޑޫ އެކްސްޕޯޓުކުރިއެވެ.
ނަމަވެސް މި ކާމިޔާބީގެ ސަބަބުން އައު މައްސަލަތަކެއް ވެސް މިހާރު ވަނީ އުފެދިފައެވެ. އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާގެ މާކެޓަށް ހަނޑޫ އަގުހެޔޮކޮށް އަޅާލަނީ ކަމަށް ތުހުމަތުކުރައްވައި ފައެވެ. އަދި، އެކަން ނުހުއްޓަނީ ނަމަ، ޓެރިފް ނެގުމުގެ އިންޒާރު ދެއްވާފައެވެ.
މިކަން އައިސްފައި ވަނީ އެމެރިކާގެ ދަނޑުވެރިންނަށް 12 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ޓްރަމްޕް އިއުލާންކުރެއްވި ދަނޑިވަޅުގައެވެ. ދަނޑުވެރިކަމާއި ކިރުގެ ބާވަތްތައް އެތެރެކުރުމުގެ މައްސަލަތަކާ ހެދި، އެމެރިކާއާއި އިންޑިއާގެ ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ވާހަކަތައް މިހާރުވެސް ވަނީ ހުއްޓިފައެވެ،
އިންޑިއާއަކީ، މިހާރު 120 އަށް ވުރެ ގިނަ ޤައުމަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ގައުމެކެވެ.







