ގާނާގެ ރައްޔިތުންނަށް އިޒްރޭލް އެއާޕޯޓްގައި އިހާނެތިކޮށް ހިތުމުން މައްސަލަ ޖައްސައިި

އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓުގައި ގާނާގެ ޕާލަމެންޓް މެމްބަރުންނާއި އާންމު ރައްޔިތުންނާ މެދު ނަސްލީ ތަފާތުުކޮށް އިހާނެތިކޮށް މުއާމަލާތު ކުރާތީ އެކަން ކުށްވެރިކޮށްފިއެވެ. އިޒްރޭލުގައި އޮތް ސައިބާ ސެކިއުރިޓީ ކޮންފަރެންސަކަށް ދިޔަ ގާނާގެ 4 އެމްޕީންގެ ވަފްދެއްވެސް އެއާޕޯޓްގައި ހިފަހައްޓައި 5 ގަޑި އިރަށް ބަންދުކުރިއެވެ.

ގާނާގެ ސަރުކާރުން ޔަހޫދީ މަސްއޫލުވެރިންގެ މިއަމަލުތައް ސިފަކޮށްފައިވަނީ އިންސާނިއްޔަތާ ޚިލާފު، ނަސްލީ ތަފާތު ކުރުމުގެ އިހާނެތި އަދި އެއްވެސް ހައްޤުވެރިކަމެއް ނެތް އަމަލެއްގެ ގޮތުގައެވެ.

މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެމްޕީން ދޫކޮށްލާފައި ވަނީ ޓެލްއަވީވްގައި ހުންނަ ގާނާގެ އެމްބަސީން މަސައްކަތް ކޮށްގެންނެވެ.

ގާނާއިން ވަނީ އިޒްރޭލުގެ ނޭއްގާނި އަމަލަށް ބަދަލު ހިފުމުގެ ގޮތުން އިއްޔެ 10 ޑިސެމްބަރުގައި ގާނާއަށް ފޭބި އިޒްރޭލުގެ 3 ޓޫރިސްޓުން އަނބުރައި ފޮނުވާލާފައެވެ.

ޣާނާގެ ޚާރިޖީ ވަޒީރުގެ އޮފީހުން ބުނީ މި މީހުންނަށް އަމާޒުކޮށްފައިވަނީ "އެކަށީގެންވާ ސަބަބެއް ނެތި" ކަމަށާއި އެމީހުންނަށް ހިތްދަތި މުޢާމަލާތްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ، އެމީހުން އަނބުރާ ފޮނުވާލީ ޓެލް އަވީވްގައި ހުންނަ ގާނާގެ އެމްބަސީން އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށެވެ. ގާނާގެ ސަރުކާރުން ވަނީ މި ބަހަނާ "ޤަބޫލުނުކުރެވޭނެ" ކަމަށް ބުނެ ރައްދުދީފައެވެ. އަދި، އެމްބަސީން އަމަލުކޮށްފައި ވާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ކަމަށް ވެސް ބުނެފައެވެ.

ގާނާއިން ވަނީ އިޒްރޭލުގެ އެމްބަސީގެ އޮފިޝަލުން ރަސްމީކޮށް އިޙްތިޖާޖު ކުރުމަށް ހާޒިރުކުރާނެ ކަމަށް ބުނެފައެވެ. އަދި މި މައްސަލައަށް އިޒްރޭލުން އެކަށީގެންވާ ހައްލެއް ހޯދައިނުދީފިނަމަ ގާނާއިން ވެސް އެފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ޣާނާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން އުފެއްދިތާ 60 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!