އިންޑިއާއިން އޭގެ ސްޕޭސް ޕްރޮގްރާމްގެ ހުވަފެންތައް އަވަސްކޮށް، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ހަނދުގެ ސަރަހައްދުގައި ދާއިމީ މަރުކަޒެއް ޤާއިމުކުރުމަށް އިންޑިއާއިން އަމާޒު ހިފައިފިއެވެ. މިއީ 2047 ވަނަ އަހަރާ ހަމައަށް އިންޑިއާ ތަރައްޤީވެފައިވާ އިޤްތިޞާދަކަށް ބަދަލުކުރުމަށް ރާވާފައިވާ ބޮޑު ޕްލޭނެއްގެ ބައެކެވެ.
އިންޑިއާގެ ސްޕޭސް މިނިސްޓަރު ޖިތެންދުރާ ސިންގް ވިދާޅުވި ގޮތުގައި، 2035 ވަނަ އަހަރުގެ ނިޔަލަށް 'ބާރަތިޔާ އަންތަރިކްޝް ސްޓޭޝަން’ގެ ނަމުގައި އިންޑިއާގެ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ޤާއިމުކުރާނެއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ހަނދުގެ ސަތަހައަށް އިންސާނެއް ބާލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މި މާޒުތަކަކީ އިންޑިއާގެ ސްޕޭސް ޕްރޮގްރާމުގައި އަމިއްލަ ފަރާތްތަކަށް އިސްކަން ދިނުމަށް އައިސްފައިވާ ބަދަލެއްގެ ނިޝާނެކެވެ. މީގެ ކުރިން 2023 ވަނަ އަހަރު ޗަންދުރަޔާން-3 މިޝަން ކާމިޔާބުކޮށް، ހަނދުގެ ދެކުނު ބިތަށް ފޭބި ފުރަތަމަ ގައުމަކީ އިންޑިއާ ކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ އަމާޒަކީ ދުނިޔޭގެ ވިޔަފާރީގެ ސްޕޭސް މާކެޓްގެ 8 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ ހިއްސާއެއް ހޯދުމެވެ. މިހާރު މި މާކެޓްގައި އިންޑިއާގެ ހިއްސާ އުޅެނީ 2 އިންސައްތައަށް ވުރެ ކުޑަ މިންވަރެއްގައެވެ. މި ބޮޑު އަމާޒަށް ވާސިލްވުމުގައި މައިގަނޑު ދައުރެއް އަދާކުރާނީ އިންޑިއާގެ އަމިއްލަ ސްޕޭސް ސްޓާޓަޕް ކުންފުނިތަކެވެ. މިހާރު ވެސް އިންޑިއާގެ ސްޕޭސް އިޤްތިޞާދު ވަނީ އަމިއްލަ ކުންފުނިތަކަށް ހުޅުވާލާފައެވެ. އެކަމުން ލިބޭ އިގްތިސާދީ މަންފާ 8 ބިލިއަން ޑޮލަރަށް އިތުރުވެފައި ވެއެވެ. 2033 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު 40 އާއި 45 ބިލިއަން ޑޮލަރާ ދެމެދަށް ބޮޑުކުރުމަށް މިހާރު ވަނި އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމްތަކަށް ބާރުދިނުމަށްޓަކައި، އިންޑިއާގެ ސަރުކާރުން ވަނީ 1 ޓްރިލިއަން ރޕީސްގެ ގެ އާރްއެންޑީ އަދި އިންނޮވޭޝަން ސްކީމެއް އިޢުލާނުކޮށްފައެވެ. މީގެ ތެރެއިން މައިގަނޑު ސަމާލުކަމެއް ދެނީ ވިޔަފާރިއެއް ކުރެވޭ މަރުހަލާގައިވާ ޓެކްނޮލޮޖީތަކަށެވެ. މީގެ އިތުރުން، އިންޑިއާ އިން އިންސާނުންނާއެކު ކުރާ ސްޕޭސް ދަތުރު 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ހަނދާ ގުޅުން ހުރި އަދި އޯބިޓަލް މިޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރާނެ މަސައްކަތެއް ކަމަށް ވެއެވެ.
އިންޑިއާގެ މި ފިޔަވަޅުތަކަކީ ޗައިނާއާ ވާދަކުރުމުގެ ގޮތުން ވެސް މުހިންމު ފިޔަވަޅުތަކެކެވެ. ޗައިނާއިން މިހާރު ވެސް ސްޕޭސް ސްޓޭޝަނެއް ހިންގަމުން ދެއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އިންސާނުން ހަނދަށް ފޮނުވުމަށް ޗައިނާއިން ވެސް އަމާޒު ހިފާފައި ވެއެވެ.







