އޮސްޓްރޭލިއާގެ ބަޑި ޖެހުމުގެ ހާދިސާގައި ގިނަ ބަޔަކު މަރާލަމުން ހަމަލަ ދެމުން ދިޔަ މީހާ ހުއްޓުވީ މުސްލިމެކެވެ. މިއަދު ބޮންޑޭ ބީޗްގައި އެއްވެ ތިބި މީހުންނާ ދެކޮޅަށް ހަމަލަ ދެމުންދާ ތަން ފެނުމުން ހުދު ޓީޝާޓެއްގައި ހުރި މީހަކު ގޮސް ބަޑި ހިފައިގެން ހުރި މީހާއަށް ހުރަސް އަޅައި އޭނާގެ އަތުން ބަޑި ފޭރި ގަނެއެވެ.
މިކަން ކުރުމުގެ ތެރޭގައި އެމީހާގެ ގަޔަށްވެސް ދެ ވަޒަން އަރާފައި ވެއެވެ.
މި ހަމަލަ ދިން މީހާއަށް ހުރަސް އެޅި ބަޠަލަކީ އަހުމަދު އަލް އަޙުމަދު އެވެ. އޭނާއަކީ އުމުރުން 43 އަހަރުގެ މޭވާ ވިއްކާ ފިހާރައެއް ގެންގުޅޭ މީހެކެވެ. އޭނާގެ ސިފަ ވައްތަރީ މެދުއިރުމަތީގެ ނަސްލަކާއެވެ.
މިހާދިސާއާ ގުޅޭ ގޮތުން ފިތު އުފެއްދުމަށް ޖެނޮސައިޑް ނިޒާމުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވާހަކަ ދައްކަމުން ބުނެފައި ވަނީ މި ހަމަލަ ދިން މީހާއަށް ހުރަސް އެޅީ ޔަހޫދީ އެއް ކަމަށެވެ. އޭނާ ފިތުނަވެރި ވާހަކަ ފަތުރަމުން ދިޔައިރު އަދި އޭނައަކަށް އެ ބަޠަލަކީ އަހުމަދު އަލްއަޙުމަދު ކަމެއް ނޭނގެއެވެ!
އަޙުމަދު އަލްއަޙުމަދުގެ ހިތްވަރުގަދަ ކަމަށް މީހުން ވަނީ ތައުރީފް ކޮށްފައެވެ. އަދި ރޮއިޓާޒް އިންވެސް ވަނީ އަހުމަދު އަލްއަހުމަދުގެ ވާހަކަ ޔަގީން ކޮށްދީފައެވެ. ނަމަވެސް މި ބަޠަލަކީ މުސްލިމެއް ކަމުން ހުޅަނގުގެ ބޮޑެތި މީޑިއާއިން އަދި މިކަމަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ.







