ފަހަލްގަމް ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާކޮށްފި

މިއަހަރުގެ އޭޕްރީލް މަހުގެ 22 ގައި ފަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފިއެވެ. މި ހަމަލާގައި 26 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރެއިން ގިނައީ ކަޝްމީރަށް ގޮސްތިބި އިންޑިއާގެ އެހެން ސދަރަހައްދުގެ ފަތުރުވެރިންނެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓު ޖަމާއަތްތަކެއް ކަމުގައިވާ ލަޝްކަރޭ ތައްޔިބާ (އެލް.އީ.ޓީ) އާއި އެ ޖަމާއަތުގެ އެހީގައި ހަރަކާތްތެރިވާ ދަ ރެސިސްޓެންސް ފްރޮންޓް (ޓީ.އާރް.އެފް) ކަމަށް ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެން.އައި.އޭ) އިން ބުނެއެވެ.

އެން.އައި.އޭ އިން ހުށަހެޅި ދައުވާ ރިޕޯޓުގައިވާ ގޮތުން، މި އޮޕަރޭޝަން ހިންގާފައިވަނީ ޕާކިސްތާނުގައި ހުންނަ އެލް.އީ.ޓީގެ ކޮމާންޑަރު ސާޖިދު ޖަޓްގެ އިރުޝާދުގެ ދަށުންނެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ތިން ޓެރަރިސްޓުން ކަމަށްވާ ސުލައިމާން ޝާހް، ހަބީބު ތާހިރު އުރުފް ޖިބްރާން އަދި ހަމްޒާ އަފްޣާނީ އެވެ. މި ތިން މީހުން ވެސް ވަނީ މި އަހަރުގެ ޖުލައި މަހު ހިންގި "އޮޕަރޭޝަން މަހާދޭވް" ގައި ހިނގި ކުރިމަތިލުންތަކުގައި މަރާލެވިފައި ކަމަށް އެން.އައި.އޭ އިން ހާމަކުރެއެވެ.

މި ހަމަލާއާ ގުޅިގެން ޖޫން މަހު ޕަރްވައިޒް އަހުމަދު ޖޯތަރާއި ބަޝީރު އަހުމަދު ޖޯތަރު ހައްޔަރުކޮސްފައި ވެއެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ ހަމަލާދިން ފަރާތްތަކަށް ކާނާއާއި ބޯހިޔާވަހިކަމާއި އެހެނިހެން ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ތުހުމަތުގައެވެ.

އެން.އައި.އޭ އިން ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނާއި، ހަތިޔާރު ގެންގުޅުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. އަދި އޭގެ އިތުރުން އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކޮށްފައިވެއެވެ.

މި ދައުވާ ރިޕޯޓުން ސާބިތު ކޮށްދިފައި ވަނީ ކަޝްމީރުގައި ޓެރަރިޒަމަށް ޕާކިސްތާނުން އެހީތެރިވާ މިންވަރެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިސްޓު ނެޓްވޯކްތަކުން ކުރިމަތިވާ ނުރައްކާ އަދިވެސް ދެމިއޮތްކަން މި ރިޕޯޓުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!