ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތައް ބަލާ ކޮމިޓީގެ ރައީސަކީ ޖަސްޓިސް އެސް މުރާލީދާރު އެވެ. އޭނާއަކީ އޮރިސާ ހައިކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވެސް މެއެވެ،. ޖަސްޓިސް މުރާލީދާރު މި މަގާމަށް އައްޔަން ކުރުމުން އިންޑިއާގެ ޝަރުއީ ދާއިރާއަށް ވަނީ މަދުން ނޫނީ ނުލިބޭ ފަދަ ޝަރަފެއް ލިބިފައެވެ.
މި ކޮމިޓީއަކީ އދގެ ހިއުމަން ރައިޓްސް ކައުންސިލުން އުފައްދާފައިވާ ތިން މެންބަރުންގެ ޕެނަލެކެވެ. މި ޕެނަލްގެ ރިއާސަތު ބަލަހައްޓަވާނީ ޖަސްޓިސް އެސް މުރާލީދާރު އެވެ. މިއީ ދުނިޔޭގެ އެންމެ އުނދަގޫ އެއް ސަރަހައްދުގައި ބައިނަލްއަގްވާމީ އިންސާނީ ގާނޫނާއި އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޕެނަލެވެ.
ޖަސްޓިސް އެސް މުރާލީދާރު ޝަރުއީ ދާއިރާއިން ރިޓަޔާ ކުރެއްވީ 2023 ވަނަ އަހަރު އެވެ. އޭނާއަކީ ދިއްލީ ހައިކޯޓުގައި ހުންނެވި ދުވަސްވަރު އަދި އޭގެ ފަހުން އޮރިސާ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް އިޖުތިމާއީ ހަމަނުޖެހުމާއި އެކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށ ކެރިގެން ޙުކުމްތައް ކުރެއްވި ފަނޑިޔާރެކެވެ. އަދި ތިމާވެށްޓާ ބެހޭ މައްސަލަތަކުގައި އާއި ދުސްތޫރީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައިވެސް އޭނާ ވަނީ ކެރިގެން ޙުކުމް ކުރައްވާފައެވެ. އޭނާގެ އެންމެ ފާހަގަ ކުރެވޭ ހުކުމްތަކުގެ ތެރޭގައި ހާޝިމްޕޫރާގެ ގަތުލުއާންމުގެ ކުށް ސާބިތުވުމާއި، ބައިމަދު ޖަމާއަތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެއްވި ޙުކުމްތައް ހިމެނެއެވެ.
އޭނާ އދގެ އިސް ޝަރުއީ ޕެނަލެއްގެ ރިއާސަތަށް އައްޔަން ކުރުމަކީ އިންޑިއާގެ ޝަރުއީ ސަގާފަތުގެ މިނިވަންކަމާއި އޭނާގެ ނަޒާހަތްތެރިކަން ސާފުކޮށް ފާހަގަ ކޮށްލެވޭ ކަމެކެވެ.
ބައިނަލްއަޤްވާމީ އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި ޖަރީމާތަކަށް ދައުލަތުން ޒިންމާ ވުމާއި، ހަމަނުޖެހުންތަކުގައި ދައުލަތް ނިސްބަތްވާ ގޮތާއި، މަދަނީ ރައްކާތެރިކަމުގެ ވަށައިގެންވާ ހައްގުތައް ބައްޓަންކުރުމުގައި ޖަސްޓިސް އެސް މުރާލީދާރުގެ ލީޑަޝިޕް ވަރަށް މުހިންމުވާނެއެވެ.
ނިކަމެތިންނަށް ހައްގުތައް ލިބެން ޖެހޭކަން ކަށަވަރު ކުރުމަށް ބާރުއަޅުއްވާ ނަޒަރިއްޔާތުން މަޝްހޫރު ފަނޑިޔާރު މުރާލިދާރު އަކީ ސާފު ޒަމީރެއްގެ ވެރި ފަނޑިޔާރެއް ގެ ގޮތުގައި ޒަމާނުއްސުރެ ސިފަ ކުރެވިފައިވާ ފަނޑިޔާރެކެވެ.
A Judge of Conscience: Justice S. Muralidhar’s Journey from Grassroots to Global Recognition







