އިންޑިއާ އާއި އޮމާން އާ ދެމެދު އިޤްތިޞާދީ ބައިވެރިވުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާއިން އޮމާންގެ ބާޒާރަށް އެކްސްޕޯޓްކުރާ 98 އިންސައްތައަށް ވުރެ ގިނަ މުދަލުން ފީ ނެގުން މުޅިން ހުއްޓާލުމަށް މަގުފަހިކުރާ އެއްބަސްވުމެކެވެ. އެމެރިކާއިން ބައެއް އިންޑިއާ މުދަލަށް ނަގާ ފީ 50 ޕަސެންޓަށް އަރާފައިވާ މި ދަނޑިވަޅުގައި، އިންޑިއާ އިން ދަނީ ވިޔަފާރީގެ ބައިވެރިން ސިންދަފާތު ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
މި އެއްބަސްވުމަކީ 2006 ވަނަ އަހަރުގެ ފަހުން އޮމާނުން ދެގައުމުގެ ދެމެދު ސޮއިކުރި ފުރަތަމަ ވިޔަފާރީގެ އެއްބަސްވުމެވެ. މި އެއްބަސްވުމަކީ ފޭރާން، ބޭސްވެރިކަމުގެ އުފެއްދުންތައް، ގަހަނާ އަދި އުޅަނދުފަހަރު ފަދަ މުހިއްމު ސެކްޓަރުތައް އޮމާނަށް އެކސްޕޯޓު ކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ވިޔަފާރި މުއާމަލާތްތައް އަހަރަކު 10 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އެއްބަސްވުމުގެ މުހިއްމު ބައިތައް
- އެއްބަސްވުމުގެ މައިގަނޑު ބައިތަކުގެ ތެރޭގައި އޮމާނުން އިންޑިއާގެ %98 އައިޓަމްތަކުން ފީ ނެގުން މުޅިން ހުއްޓާލާނެއެވެ.
- އިންޑިއާއިން ވަނީ އޮމާނުން އެތެރެކުރާ މުދަލުގެ %78 ގެ އައިޓަމްތަކުން ފީ ކުޑަކޮށްފައެވެ،
- މިއީ އަގުގެ ގޮތުން ބަލާއިރު އޮމާނުން އެތެރެކުރާ މުދަލުގެ %95 އެކެވެ.
- ދެޤައުމުގެ އެތެރޭގެ އުފެއްދުންތެރިން ރައްކާތެރިކުރުމުގެ ގޮތުން ކިރު، ސައި، ކޮފީ، ރަބަރު އަދި ދުންފަތުގެ ބާވަތްތައް ފަދަ ބައެއް ހައްސާސް އައިޓަމްތައް މި އެއްބަސްވުމުން ވަނީ އިސްތިސްނާކުރެވިފައެވެ.
ޖިއޯޕޮލިޓިކަލް މުހިއްމުކަން
މި އެއްބަސްވުމަކީ ގަލްފްގައި އިންޑިއާގެ ވިޔަފާރި މަޤާމު ވަރުގަދަ ކުރުމަށް ލިބޭނެ ބާރެކެވެ. ޚާއްޞަކޮށް އޮމާނަކީ ދުނިޔޭގެ ތެލުގެ ދަތުރުގެ އެންމެ މުހިއްމު އެއް މަގު ކަމަށްވާ ހުރުމުޒްގެ ތުންފަތް މަތީގައި އޮންނަ ގައުމަކަށް ވާތީ މިއީ އިންޑިއާއަށް ސްޓްރެޓެޖިކް ގޮތުން މުހިންމު ގައުމެކެވެ. މީގެ އިތުރުން، އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއާ އެކު ކުރިއަށްދިޔަ މަޝްވަރާތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން މެދުއިރުމަތީގެ އިޤްތިޞާދުތަކަށް ބޮޑު ސަމާލުކަމެއް ދޭކަން މިކަމުން ހާމަވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، އޮމާނުގެ ބިނާވެށި ދާއިރއާއި ޚިދުމަތުގެ ދާއިރާއަށް އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތައް ލިބިގެން ދާނެއެވެ. ޗައިނާ އާއި އެކު ގަލްފްގައި ނުފޫޒު ފޯރުވުމުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މި އެއްބަސްވުމަކީ ގަލްފްގެ އެހެން ޤައުމުތަކުން ވެސް އިންޑިއާއާ އެކު މިފަދަ އެއްބަސްވުންތައް ހެދުމަށް ބާރުއަޅާނެ ކަމެއް ކަމަށް ބެލެވެއެވެ.







