20 އަހަރަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވޭނެ މަޝްރޫއުއެއްގައި މިއަދު ސޮއިކޮށްފި: ރައީސް

"ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ މިކަމުގެ [މިއަދު ސޮއިކުރި އެއްބަސްވުމުގެ] ސަބަބުން," ރައީސް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ހިންގާ ބޮޑު މަޝްރޫއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަން އިއުލާނުކުރެއްވީ "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓުގެ މައްސަލަ ކަމަށާއި، މިއީ އެތައް ދައުރެއް ފާއިތުވެ ދިޔައިރުވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަން ދެއްވި އެއް ކަމަކީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

President Muizzu: New Power Project Will End Addu City’s Electricity Shortages for 20 Years

މި މަޝްރޫއުގެ ދަށުން އައްޑޫގައި 26 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. "ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ މިކަމުގެ [މިއަދު ސޮއިކުރި އެއްބަސްވުމުގެ] ސަބަބުން," ރައީސް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއެވެ. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު ސޮއިކުރެއްވި އިރު، ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ. ޖުމްލަ 31 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ބެލްޖިއަމްގެ އޭބީސީ ބްރޭންޑުގެ ޒަމާނީ ލޯ-ސްޕީޑް އިންޖީނުތަކެއް އައްޑޫގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން އައްޑޫގެ އާ އިންޖީނުގެ އެޅުމަށް ޗައިނާގެ ޑޮންފަން ކުންފުންޏާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ މިހާރު އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. ރައީސް ވަނީ މިފަދަ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނެ ބަޔަކު އިންތިޚާބު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ބޭނުން ހިފައިގެން މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ފުރުސަތު ނުދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!