އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އުސްތާޒް ސުއޫދު ދައްކަވާ ވާހަކަފުޅު ގަބޫލެއް ނުކުރެވޭ: އުސްތާޒާ ދިޔާނާ ސައީދު

ގާނޫނުއަސާސީގައި ހުރި ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން އިސްކަންދޭ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވި ވާހަކަފުޅަކީ ގަބޫލު ކުރަން ދަތި ވާހަކަފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދާދިފަހުން ވަކިވެވަޑައިގަތް ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ބޮޑެތި މައްސަލަތައް ހުރި ނަމަވެސް، އެކަންކަން ބަދަލުނުކޮށް ހަމައެކަނި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމަން އުޅޭތީ ސަރުކާރުގެ ހެޔޮ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ދިޔާނާ ވިދާޅުވީ ސުއޫދު ދައްކަވާ ހުއްޖަތްތައް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ ހަރުދަނާ މަޖިލީހެއް ލިބިގަތުމަކީ މިވަގުތު ގައުމަށް އޮތް އެންމެ މުހިންމު މަސައްކަތެވެ. އަދި ސުއޫދު ފާހަގަކުރެއްވި ދުސްތޫރީ މައްސަލަތައް ހައްލުނުވެ އޮތް އެންމެ ބޮޑު އެއް ސަބަބަކީ ވެސް ހަރުދަނާ މަޖިލީހެއް ލިބިފައި ނެތުން ކަމަށް ވިދާޅުވެ ދިޔާނާ ސަބަބު ދެއްކެވިއެވެ.

ސުއޫދުގެ ވާހަކައަށް ރައްދު ދެއްވަމުން ދިޔާނާ ހުށަހެޅުއްވި ސަބަބުތައް:

    • ޤައުމަށް މިވަގުތު އެންމެ މުހިންމު ކަމަކީ ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ ހަރުދަނާ މަޖިލީހެއް އޮތުމެވެ.
    • ސުއޫދު ހުށަހެޅުއްވި ކަންކަން ނުވެފައިވާ ސަބަބަކީވެސް ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ ހަރުދަނާ މަޖިލީހެއް ނެތުމެވެ.
    • ދެ އިންތިޚާބު ދެމެދު 6 މަސް އޮންނަ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާއިރު ނާކާމިޔާބު ނިޒާމެއް ކަމަށް ބެލެވެއެވެ.
    •  ވޭތުވެދިޔަ 15 އަހަރު ތެރޭގައި ސަރުކާރު ޖަވާބުދާރީކުރެވޭނެ ފަދަ މަޖިލީހެއް ނުލިބުނު އެންމެ ބޮޑު ސަބަބަކީ މިހާރު އޮތް އިންތިޚާބީ ނިޒާމެވެ.
    • އިތުރު ގޮތްތަކެއް ހޯދުމުގެ ގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ 'ކޮންކަރަންޓް' އިންތިޚާބެއް ޓެސްޓްކުރުން މުހިންމެވެ.
    • އެއް ދުވަހެއްގައި އިންތިޚާބު ބޭއްވުމުން އިދާރީ ޚަރާދާ އެއްކޮށްލެވި ދައުލަތުގެ ޚަަރަދު ކުޑަކުރެވި ވަސީލައިއްތަ ނަހަމަގޮތުގާ ބޭނުން ކުރުމުގެ ފުރުސަތު ކުޑަވާނޭކަމަށް ފެނެއެވެ.

"މިހާރު އަމަލުކުރަމުން މިދާ، ދެ އިންތިހާބުގެ ދެމެދު ހަ މަސް އޮންނަ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއް ވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައެއް ނުވޭ. އެހެންވީމާ މިއީ ރާއްޖޭގެ ހާލަތުގައި ފެއިލްވެފައި އޮތް ނިޒާމެއް ކަމަށް ބަލަންޖެހޭ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ، މިހާރު އޮތް ނިޒާމު ފެއިލްވެފައިވާތީ ދެން ހުރި ގޮތްތައް ބެލުން ލާޒިމުވާ ކަމަށާއި، އެގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ނުވަތަ 'ކޮންކަރަންޓް' އިންތިޚާބު ޓެސްޓުކުރުން މުހިންމު ކަމަށެވެ. އަދި އެއް ތާރީޚެއްގައި އިންތިހާބު ބޭއްވުމުން އިދާރީ ޚަރަދުތައް ކުޑަވެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!