އިޒްރޭލުގެ އަމަލުތަކުގެ އުދުވާނުން ސަރަހައްދީ ހަމަޖެހުން ގެއްލެމުންދާއިރު، އީރާނުން ކެތްތެރިކަން އިސްކުރާކަން ރައިސީނާ ޑައިލޮގްގައި ފާހަގަވެއްޖެ

އިންޑިއާގެ އެންމެ ބޮޑު ޚާރިޖީ ސިޔާސަތުގެ ކޮންފަރެންސް ކަމަށްވާ ރައިސީނާ ޑައިލޮގްގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން އިޒްރޭލާއި އީރާނުން ގެންގުޅޭ ތަފާތު ސިޔާސަތުތައް ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެއެވެ. އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް ސަރަހައްދީ އުދުވާނާއި ނާމާންކަން އިތުރުކުރަމުންދާއިރު، އީރާނުން ދައްކުވައިދިނީ ހަމަޖެހުމާއި އުސޫލީ ގޮތުން ކަންކަމާ ކުރިމަތިލާ މަންޒަރެވެ.

މި ކޮންފަރެންސްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރ ވަނީ އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނީ ހަމަލަ ދިފާއުކޮށްފައެވެ. އެމެރިކާއާ ގުޅިގެން ދިން އުދުވާނީ ހަމަލާތަކާއެކު މި ކުރިމަތިލުންތައް ވަނީ ހާމަކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެފައެވެ. މިއީ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލުވާލާފަދަ އަމަލެއް ކަމަށް ގިނަ މުހައްލިލުން ދެކެއެވެ.

އަނެއްކޮޅުން، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚަތީބުޒާދާ ވަނީ އަމަލީ ގޮތުން ނިއުދިއްލީއަށް ވަޑައިގެން، އީރާނުގެ ސިޔާސަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އިންޑިއާގެ އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވެ އެނބުރި ދަނިކޮށް، އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ މަނަވަރު 'އައި.އާރް.އައި.އެސް ދޭނާ' ފައްތާލި ހާދިސާ އޭނާ ކުށްވެރިކުރެއްވިއެވެ. ނަމަވެސް، އީރާނުން މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ގައުމުގެ ސިޔާދަތު ދިފާއުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދޭނާ މަނަވަރު ފައްތާލުމުގެ ސަބަބުން 87 ފަޅުވެރިން މަރުވެފައިވާއިރު، މިއީ އިންޑިއާގެ ދައުވަތަކަށް ހިންގުނު އަސްކަރީ ތަމްރީނެއްގެ ތެރެއިން ހިނގި ހިތާމަވެރި ހާދިސާއެކެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ރައިސީނާ ޑައިލޮގްގައި ކަންކަން ހުށަހެޅި މަޑުމައިތިރި ގޮތަކީ، އެ ގައުމުގެ ޑިޕްލޮމެޓިކް ފެންވަރު ދައްކުވައިދިން ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިޒްރޭލުގެ ފަރާތުން ފެނިގެންދިޔައީ އެއްވެސް ދޫދިނުމެއް ނެތް އުދުވާނި ޓެރަރިސްޓް ހަރުކަށި ސިޔާސަތެކެވެ. ފޮރިން މިނިސްޓަރު ސާރގެ ވާހަކައިގައި ބޮޑަށް އަލިއަޅުވާލީ ސަލާމަތީ ސަބަބުތަކުގެ މައްޗަށެވެ. ނަމަވެސް، އިޒްރޭލުގެ މިފަދަ އަސްކަރީ އުދުވާނުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، އިންޑިއާ ފަދަ ބައިވެރި ގައުމުތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މި މަޝްވަރާތަކުން ހާމަވެގެންދިޔައީ އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ނާޒުކުކަމެވެ. އިންޑިއާއަކީ އިޒްރޭލާއެކު ދިފާއީ އަދި ޓެކްނޮލޮޖީގެ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވާއިރު، އީރާނާއެކު ހަކަތައާއި ޗާބަހާރު ބަނދަރު ފަދަ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވާ ގައުމެކެވެ. ދެ ފަރާތަށްވެސް މި ޕްލެޓްފޯމް ދިނުމުން އިންޑިއާއިން ބޭނުންވީ އެއްވެސް ފަރާތަކަށް ބުރަނުވެ، މިނިވަންކަމާއެކު ޚާރިޖީ ގުޅުންތައް ކުރިއަށްގެންދާނެކަމުގެ ސިގްނަލެއް ދިނުމަށެވެ.

ހިއްސާ ކުރައްވާ!