އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ގޮއްވާލި މީހާ ހޯދަނީ

ނޯވޭގެ އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީގައި ހަފްތާ ބަންދުގައި އެއްޗެއް ގޮއްވާލައި ގެއްލުން ދީފައިވާތީ، ސަވައިލަންސް ފޫޓޭޖުން ފެންނަ ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ހޯމަ ދުވަހު ބުނެފިއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މިކަމުގެ ފަހަތުގައި ހުރެދާނެ އެކި ސަބަބުތައް ބަލަމުންނެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައާ ގުޅުމެއް އޮތްތޯ ބެލުންވެސް ހިމެނެއެވެ.

މި ގޮވުން ގޮވާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމްބަސީގެ ކޮންސިއުލާ ސެކްޝަންގެ ދޮރުމަތީގައެވެ. މި ހާދިސާގައި މަގުމައްޗަށް ބޯ ދުން އެރި ނަމަވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ފުލުހުން ބުނި ގޮތުގައި މިކަމަށް ބޭނުންކޮށްފައިވަނީ އަމިއްލައަށް ހަދާފައިވާ ގޮވާ އެއްޗެކެވެ. އަދި މިއީ "ބާރުގަދަ" ގޮވުމެއްގެ ގޮތުގައި ފުލުހުން ސިފަކޮށްފައިވެއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކަޅުކުލައިގެ ހެދުމެއް ލައިގެން، ބޯ ނިވާކޮށްގެން، ދަބަހެއް ހިފައިގެން ހުރި މީހެކެވެ. މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ.

މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް އާދީއްތަ ދުވަހު ފުލުހުން ބުނި ނަމަވެސް، އެހެން ސަބަބުތައް ވެސް ބަލަމުންދާ ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ. "ފުލުހުން ބަލަމުންދާ އެއްވެސް ތިއަރީއެއް މިހާތަނަށް ބަލިކަށިވެ ނުވަތަ ވަރުގަދަވެފައެއް ނުވޭ. އަދިވެސް މިއުޅެނީ ތަހުގީގުގެ ކުރީކޮޅުގައި،" ބަޔާނުގައިވެއެވެ.

ތަހުގީގުގައި ބަލަމުންދާ އެއް ކަމަކީ، ގޮވުން ގޮވި ވަގުތާ ދާދި ގާތް ވަގުތެއްގައި އެމެރިކާ އެމްބަސީގެ ގޫގުލް މެޕްސް ޕޭޖުގައި ޕޯސްޓްކޮށްފައިވާ 15 ސިކުންތުގެ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކޮޓަރިއަކުން ނުކުމެވަޑައިގަންނަވާ މަންޒަރެވެ. އޭގައި ފާރިސީ ބަހުން "އޭނާ ދިޔައީ ކޮންތާކަށް؟"، "ކޮންމެއަކަސް އޭނާ ބޭނުންވީ ދާން،" އަދި "އޭނާ ހިނގައްޖެ" މިހެން ލިޔެފައިވެއެވެ. ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޓެރަރިސްޓް ހަމަލަތަކުގެ ކުރީކޮޅު ދިން ވައިގެ ހަމަލާއެއްގައެވެ.

ފުޅާ ދާއިރާއެއްގައި ކުރިއަށްދާ މި ތަހުގީގުގެ ބައެއްގެ ގޮތުގައި އެ ވީޑިއޯ ދިރާސާކުރަމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާ، އިސްރާއީލުން ގުޅިގެން އީރާނަށް ތެރަރިސްޓް ހަމަލަ ދެމުންދާއިރު އީރާނުން ދިފާއުގައި އަރަބި ގައުމުތަކުގައި ހުރި އެމެރިކާއާއި އިޒްރޭލުގެ ޖާސޫސީ އަސްކަރީ އަދި އިގްތިސާދީ މަންފާހޯދާ މަރުކަޒުތަކަށް ހަމަލަ ދެމުން ދަނިކޮށެވެ.

ހިއްސާ ކުރައްވާ!