މިޞްރުގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 17 އިންސައްތައަށްވުރެ ބޮޑުވެފައެވެ. އަދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެޓްރޯލްގެ އަގު 15 އިންސައްތަ އަށް ބޮޑު ކޮށްފައި ވެއެވެ.
އޭގެ އިތުރުން ސަރުކާރުގެ ޚަރަދުތަކާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި މިޞްރު ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މީގެ ތެރޭގައި ރަސްމީ ދަތުރުތައް މަދުކުރުމާއި، އުޅަނދުފަހަރުގައި ގުދުރަތީ ގޭސް ބޭނުންކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ.
ޢަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމު ކަމަށްވާ މިޞްރަކީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ ޤައުމެކެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު މިޞްރުގެ ފައިސާ ޕައުންޑް ގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން އެމެރިކާ ޑޮލަރެއްގެ އަގު ވަނީ 52 ޕައުންޑަށްވުރެ މައްޗަށް އަރާފައެވެ.







