އިޒްރޭލަށް ބިރުން އަލްބެނީޒްއަށް މިސްރުން ވިސާ ނުދިންކަން ހާމަވެއްޖެ

ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބެނީޒް މިސްރަށް ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެ ގައުމުން ވިސާ ނުދިން ކަމަށް އޭނާ ހާމަކުރައްވައިފިއެވެ. އަލްބެނީޒް ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ބޭނުމަކީ އިޒްރޭލުގެ ޖަލުތަކުން މިނިވަންވެގެން މިސްރަށް ގޮސް ތިބި ފަލަސްތީނު މީހުންނާ ބައްދަލުކޮށް، އެމީހުންނަށް ކުރިމަތިވި އަނިޔާތަކުގެ މައުލޫމާތު އެއްކުރުމެވެ.

މީޑިއާ ބަސްދީގަތުމެއްގައި އަލްބެނީޒް ވިދާޅުވީ، އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނު މީހުންނަށް ކުރާ އަނިޔާތައް ދުނިޔެއަށް ހާމަކުރުމަށްޓަކައި ސީދާ އެމީހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް އޭނާ ބޭނުންވި ނަމަވެސް، މިސްރު ސަރުކާރުން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިސްރުގެ ޚާރިޖީ ވުޒާރާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިސްރުގެ ސަރުކާރުގެ އިސް އޮފިޝަލުން މި މައްސަލާގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އުޒުރުވެރިވަމުންދާއިރު، ބައެއް ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި އދ. އިން މި ދަތުރުފުޅާ ގުޅޭ ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންކަމުން މި މައުލޫމާތަކީ ހަމައެކަނި އަލްބެނީޒްގެ ފަރާތުން ލިބިފައިވާ މައުލޫމާތެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

އަލްބެނީޒް އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި މިސްރުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ބޭފުޅެކެވެ. މިސްރުގެ ސިޔާސީ ބައެއް ފަރާތްތަކުން އޭނާ ސިފަކުރަނީ "އިންސާނީ ކަރާމާތުގެ މިނިވަން އަޑެއް" ގެ ގޮތުގައެވެ. ނަމަވެސް މިސްރުން އޭނާއަށް ވިސާ ނުދިނުމަކީ އިޒްރޭލާ އޮންނަ ގުޅުމަށް ބުރޫއަރާފާނެތީ ބިރުން ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި މައްސަލާގައި ހަމާސް ޖަމާއަތާއި ގާހިރާގައި ހުންނަ ފަލަސްތީނު އެމްބަސީން ބުނެފައިވަނީ، އަލްބެނީޒްގެ ދަތުރުފުޅާ ގުޅޭ އެއްވެސް ރަސްމީ މައުލޫމާތެއް ނުވަތަ އެހީތެރިކަމަކަށް އެދިފައި ނުވާ ކަމަށެވެ. އެމްބަސީން އިތުރަށް ބުނި ގޮތުގައި މިސްރަށް އައި ގިނަ އަސީރުން މިހާރު ވަނީ އެހެން ގައުމުތަކަށް ދަތުރުކޮށްފައެވެ. މިހާރު މިސްރުގައި ތިބީ ސިއްހީ ސަބަބުތަކަށްޓަކައި މަޑުކުރަން ޖެހިފައިވާ މަދު ބައެކެވެ.

ހިއްސާ ކުރައްވާ!