އީރާނުގެ ސްކޫލަކަށާއި އާންމުންގެ ގެދޮރަށް އެމެރިކާއިން އަލުން މިސައިލް ހަމަލާތަކެއް ދީފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އީރާނުގެ މީޑިއާއިން ބުނާ ގޮތުގައި، އެ ގައުމުގެ މެދުތެރޭގައި އޮންނަ ޚުމައިން ސިޓީގެ ސްކޫލަކަށް އެމެރިކާއިން ވަނީ މިސައިލް ހަމަލާއެއް ދީފައެވެ.
އެ އެޖެންސީން ބުނި ގޮތުގައި މި ހަމަލާ އަމާޒުވީ ޑރ. ހާފިޒް ޚުމައިނީ ސްކޫލަށެވެ. އަދި މި ހަމަލާގެ ސަބަބުން އެ އިމާރާތުގެ ވަށައިގެން ހުރި އާންމުންގެ ބައެއް ގޭގެއަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަމަލާ ދީފައި މިވަނީ، އީރާނުގެ ދެކުނުގައި ހުރުމުޒު ކައިރީގައި އޮންނަ މިނާބް ސިޓީގެ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލްގައިި ކުދިން ކިޔަވަން ތިއްބައި އެމެރިކާއިން ދިން މިސައިލް ހަމަލާއެއް ތަހުގީގު ކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެ ހަމަލާގައި މަދުވެގެން 180 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.






