سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ وَمَأْوَاهُمُ النَّارُ ۚ وَبِئْسَ مَثْوَى الظَّالِمِينَ ﴿151﴾ آل عمران
(ކާފިރުވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް ﷲ އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، ﷲއާ އެއްފަދަކޮށް، އެއުރެން ޝަރީކުކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: މުޝްރިކުން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.)
އަބަދުވެސް އެވެރިންގެ ހިތްތަކަށް ބިރުވެރިކަން އޮންނާނީ ސަވާރުވެފައެވެ! ވީވެސް އެހެންނެވެ!
ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓެއްގައި ދަތުރުކުރި މުސްލިމް ފަސިންޖަރެއްގެ ރަމަޟާން މަހުގެ ނަމާދު ވަގުތު އަންގައިދޭ އެލާރަމްގައި ބަންގި ގޮވަން ފެށުމުން، އެއީ ނުރައްލަކުގެ އިންޒާރެއް ކަމަށް ބަލައި ބޯޓު ހޭރިއާކޮށް އެހެން ތަނަކަށް ޖައްސައި މުސްލިމު މީހާ ހައްޔަރުކޮށްފިއެވެ.
އެއާލައިން އަދި އެކަން ތަހުގީގު ކުރި އެފްބީއައި އިން ބުނީ އެއީ ފްލައިޓްގެ ކުރޫއިންނަށް ނުބައިކޮށް އެކަން މާނަކުރެވުމާ ގުޅިގެން، ދިމާވި އޮޅުމެއް ކަމަށެވެ. މި ބޯޓު އެޓްލާންޓާއަށް ހޭރިއާކޮށް ހަތިޔާރު އަޅައިގެން ތިބި ފައުޖެއް ބޯޓަށް އަރައި، މުސްލިމު މީހާ ހައްޔަރުކޮށްގެން ގެންދިޔައެވެ.
ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓު ދަތުރު ކުރަމުން ދިޔައީ، ނޭޝްވިލްއިން ފޯޓް ލޯޑަޑޭލްއަށެވެ. މި ފްލައިޓް ޑައިވާޓްކޮށް، އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ނައްޓާލިތާ ގާތްގަނޑަކަށް 30 މިނެޓް ފަހުންނެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާގެ ފޯނުން ތަކުރާރުކޮށް އެލާރަމް އަޑު އިވުމާއި، އޭނާގެ ދަބަހާ މެދު ކަންބޮޑުވުންތަކެއް ހުރުމުން، ކުރޫއިން ވަނީ "ފަސިންޖަރެއްގެ ފަރާތުން ބިރުވެރިކަމެއް ކުރިމަތިވީ" ކަމަށް ރިޕޯޓްކޮށްފައެވެ.
ފަސިންޖަރުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަތިޔާރު އެޅި ފައުޖު ބޯޓަށް އެރި ވަގުތު ދަތުރުވެރިންނަށް އަންގަމުން ދިޔައީ ބޯކޮޅުވަތަށް ޖަހައިެގން އަތްމައްޗަށް ނަގައިެގން ތިބުމަށެވެ.
މުސްލިމު މީހާ ދެކޮޅުވެރިކަމެއް ނުދައްކާފައެއް ނުވެއެވެ. ނަމަވެސް އޭނާ ބާލާފައި ވަނީ އަތުލަފިކޮށް ދަމައި ކޫއްތަމުންނެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ފަހުން ހާމަކުރި ގޮތުގައި، އެ އިވުނު އަޑަކީ އެ ފަސިންޖަރުގެ ފޯނުގައި ނަމާދު ވަގުތުތައް ބެލުމަށް ސެޓްކޮށްފައިވާ އެޕްލިކޭޝަނަކުން އިވުނު ބަންގީގެ އަޑު ކަމަށެވެ. އަދި އެމީހާ ފޯނު ސެޓްކޮށްފައި ވަނީ ރޯދަ މަހު ނަމާދު ވަގުތުތައް ހަނދާންކޮށްދޭ ގޮތަކަށް ބުނެފައި ވެއެވެ.
އެފް.ބީ.އައި އާއި އެޓްލާންޓާ ފުލުހުން ވަނީ އެއާޕޯޓުގައި އެ މީހާއާ ސުވާލުކޮށްފައެވެ. ޗެކްކުރުންތަކަށް ފަހު، ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދިނީ މުސްލިމު މީހާގެ ފުށުން އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި މިއީ ހަމައެކަނި އޮޅުމެއް ކަމަށް ބުނެ، އެއްވެސް ދައުވާއެއް ކުރާނެ ތަނެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.
ސައުތުވެސްޓް އެއާލައިންސްއިން ބުނީ ބޯޓު ހޭރިއާކުރީ "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ކަމަށާއި، ކުރޫއިން އަމަލުކުރީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. މި ހާދިސާގެ ސަބަބުން ދަތުރު ލަސްވުމާ ގުޅިގެން އެއާލައިންއިން ވަނީ ފަސިންޖަރުންގެ ކިބައިން މައާފަށް އެދިފައެވެ.
އެމެރިކާއަކީ މުސްލިމުންނަށް އެންމެ ހަތުރު ސިޔާސަތުތައް ގެންގުޅޭ ގައުމުކަމުން، އިސްލާމީ ޝިއާރު ފާޅުކުރުމުން އެމެރިކާ މީހުން ހިތް ބިރުގަނެއެވެ. ﷲ އެކަން ބަޔާން ކުރައްވަނީ މިފަދައިންނެވެ!
(ކާފިރުވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް ﷲ އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، ﷲއާ އެއްފަދަކޮށް، އެއުރެން ޝަރީކުކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: މުޝްރިކުން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.)




