"މުސްލިމުންނަކީ އެމެރިކާގެ މުޖުތަމައަށް އެކަށީގެންވާ ބައެއް ނޫން" ކަމަށް އެމެރިކާގެ ޓެނެސީ ސްޓޭޓްގެ ރިޕަބްލިކަން މެންބަރު އެންޑީ އޯގްލްސް، ބުނެފިއެވެ. އޭނާ ދެއްކި ސޮލީބީ ވާހަކަތަކާ ގުޅިގެން ކޮންގްރެސްގައި އޭނާއަށް ބޮޑު ނުރުހުމެއް އަމާޒުވެއްޖެއެވެ. މިއީ ޤަތަރުން އުދުހޭ ގަނޑުވަރެއް ހަދިޔާ ކުރި ސޮލީބީ ވިސްމނުމުގެ މުސްލިމުންނާ ދެކޮޅުވެރި ޓްރަމްޕް ރައީސްގެ ވެރިކަމުގައި އެމެރިކާގައި އިސްލާމްދީނާ ދެކޮޅު ނަފުރަތުގެ ބަސްމަގު އިތުރަށް ވަރުގަދަވެގެން ދާކަން ހާމަވެގެންދާ ކަމެކެވެ.
ހައުސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް (ޑިމޮކްރެޓް، ނިއުޔޯކް) ގެ ވާހަކައިގައި، އޯގްލްސް ސިފަކުރެއްވީ "ނުލަފާ މަޖާ ސޮރެއް" އަދި "މުޅި އަމިއްލަ ހަޔާތުގެ މޮޅު ވާހަކަތައް އަމިއްލައަށް ހަދައިގެން އުޅޭ ދޮގު ހެދުމަށް ދެވިހިފާފައިވާ ދޮގުވެރިއެއް" ގެ ގޮތުގައެވެ. އެންޑީ އޯގްލްސް އަކީ އޭނާގެ އަމިއްލަ ވަނަވަރު އޮޅުވާލައިގެން ފޭކް ވަނަވަރެއް ދައްކައިގެން އުޅޭ މީހެކެވެ. އެކަމަށް ނިސްބަތް ކޮށް ހަކީމް ޖެފްރީ ވަނީ އޭނާއަށް ބަހުގެ ހަމަލަތަކެއް ދީފައެވެ.
މައިނޯރިޓީ ވިޕް ކެތަރިން ކްލާކް (ޑިމޮކްރެޓް، މެސެޗޫސެޓްސް) ވިދާޅުވީ، "މި ފަކީރު ސޮރުގެ ބޭކާރު ވާހަކަތަކަކީ އެމެރިކާގެ މުޖުތަމައަށް ނިސްބަތްވާ އެ މުޖުތަމައުން ބަލައިގަންނަ ކަންކަމެއް ނޫން. އަދި އޭނާއަށް ތާއީދުކުރާ ރިޕަބްލިކަން މެންބަރުންނަކީ ކޮންގްރެސްއަށް ނިސްބަތްވާ ބައެއް ވެސް ނޫން،" ކަމަށެވެ.


މެންބަރު ޑެބީ ޑިންގަލް (ޑިމޮކްރެޓް، މިޝިގަން) ވަނީ ރިޕަބްލިކަން މެންބަރުންނަށް މިކަން "ވަގުތުން ކުށްވެރިކުރުމަށް" ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ ބަޔާނަކީ "އެމެރިކާގެ ރޫހާ މުޅިން ޚިލާފު" ބަޔާނެއް ކަމަށެވެ.
މެދުމިނުގެ ރިޕަބްލިކަން މެންބަރު ޑޮން ބޭކަން (ނެބްރަސްކާ) ވެސް ވަނީ އޯގްލްސްގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ "އެކްސިއޯސް" އަށް ވިދާޅުވީ، "ގާނޫނުއަސާސީގައި ބުނަނީ ރައްޔިތަކަށް ވުމަށް ދީނީ އިމްތިހާނެއް ނޯންނާނެ ކަމަށް،" ކަމަށެވެ.
އޯގްލްސް ވަނީ އޭނާއަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެމުން ޓެރަރިސްޓް ހާދިސާތަކަށް އިޝާރާތްކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް އެމެރިކާގައި ނަސާރާ ހުދު ސޮލީބީ މީހުން ދީފައިވާ ޓެރަރިސްޓް ހަމަލަތައް މަތިން ހަނދާން ކުރަން އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބުނީ "މުސްލިމަކު ޓެކްސަސްގައި ތިން އެމެރިކާ މީހުން ގަޔަށް ބަޑިޖަހައި މަރާލި. ދެ މުސްލިމަކު ނިއުޔޯކް ސިޓީ ގޮއްވާލަން އުޅުނު،" ކަމަށެވެ. އަދި ޑިމޮކްރެޓުންގެ ސަބަބުން އެންޓި-ޓެރަރިޒަމް ޕްރޮގްރާމްތަކަށް ބަޖެޓު ނުލިބޭ ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.
މި މައްސަލަ ފެންމަތިވުމުގެ ކުރިން ޓްރަމްޕަށް ސަޕޯޓު ކުރާ އެހެން ސޮލީބީ ވިސްނުމުގެ މެމްބަރެއް ކަމަށްވާ ރިޕަބްލިކަން މެންބަރު ރޭންޑީ ފައިން (ފްލޮރިޑާ) ވަނީ މުސްލިމުންނާއި ކުއްތާއާ އެއްް ވަރުކޮށްފައެވެ. "ކުއްތާއަކާއި މުސްލިމަކާ ދެމެދު ގޮތެއް ނިންމުމަކީ އުނދަގޫ ކަމެއް ނޫން" ކަމަށް ބުންޏެވެ.
ޑިމޮކްރެޓުން ދެކޭގޮތުގައި އޯގްލްސްއަކީ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ބަލިކުރަންޖެހޭ މުހިންމު އަމާޒެކެވެ. ޑިމޮކްރެޓިކް ކޮމިޓީން އުންމީދު ކުރަނީ އޭނާގެ ފަޟީހަތްތަކުގެ ސަބަބުން ރިޕަބްލިކަން ގޮނޑި އެމީހުންނށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ކަލޭ ކަހަލަ ފަކީރު އިސްލާމޯފޯބިކް މީހުންނަކީ ކޮންގްރެސްއަށް ނިސްބަތްވާ ބައެއް ނޫން. އެހެންވެ، ހައުސް ޑިމޮކްރެޓުން ނޮވެމްބަރު މަހު ކަލޭ ބަލިކުރާނެ." ޖެފްރީ ހަކީމް އެކްސްގައި ލިޔުނެވެ.







