އެމެރިކާގެ އޮފިޝަލުން މާކެޓްތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ތުހުމަތު ކުރައްވައިފިއެވެ. މި ތުހުމަތުތައް އައިސްފައިވަނީ، އެމެރިކާގެ ކަނޑުގެ ސިފައިން ހުރުމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރަކަށް ކާމިޔާބުކަމާއެކު ދަތުރުކުރުމަށް މަގު ދައްކައި ދީފައިވާ ކަމަށް ބުނެ އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކުރެއްވި ޕޯސްޓެއް ފަހުން ފޮހެލުމާ ގުޅިގެންނެވެ.
އެމެރިކާގެ ފޭކް ނިއުސްގެ ސްކްރީން ޝޮޓް:
އީރާންގެ ޚާރިޖީ ވަޒީރުގެ ރައްދު:
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ ކޮމާންޑަރު ވިދާޅުވީ، އީރާނާ ދެކޮޅަށް އުދުވާން ހިންގާ ފަރާތްތަކާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހައްގު ނޯންނާނެ ކަމަށެވެ. އަދި މިކަމާ މެދު އެއްވެސް ޝައްކެއް އޮތް ނަމަ، ކައިރިއަށް އައިސް އެކަން ތަޖުރިބާކޮށްލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އައިއާރުޖީސީގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، އޮމާން ކަނޑާއި، ފާރިސީ ކަނޑުއޮޅި ނުވަތަ ހުރުމުޒު ކަނޑުއޮޅިއާ ގާތްވާން ވެސް އެމެރިކާގެ އެއްވެސް އުޅަނދަކަށް ނުކެރޭނެ ކަމަށެވެ. މިއީ އެ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތު ހާމަކޮށްދޭ ކަމެކެވެ.
މި މައްސަލައާ ގުޅޭގޮތުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އީރާނުން ހަނގުރާމަ ހުއްޓާލުމަކަށް އެދި މަސައްކަތް ނުކުރާ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ އުދުވާން ހިންގާ ފަރާތްތަކަށް ވަރުގަދަ ހަމަލާއެއް ދޭންޖެހޭ ކަމަށް. އެއީ އަޅުގަނޑުމެންގެ ލޯބިވާ އީރާނަށް ހަމަލާދިނުމުގެ ވިސްނުން ދެން ދުވަހަކުވެސް އެމީހުންގެ ސިކުނޑިއަށް ނުގެނައުމަށްޓަކައި،" ގާލިބާފް ވިދާޅުވިއެވެ.
އީރާނުން ބުނަމުންދަނީ އެމެރިކާގެ އޮފިޝަލުން ސޯޝަލް މީޑިއާގައި ފަތުރާ މިފަދަ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު، ސިޔާސީ އަދި އިގްތިސާދީ މަންފާ ހޯދުމަށް ކުރާ ކަންތައްތަކެއް ކަމަށެވެ.





