އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދެވަނަ ދައުރުގައި، ވައިޓް ހައުސްގެ ތެރޭގައި ސިޔާސީ ނުފޫޒާއި ވަފާތެރިކަން ވަޒަންކުރާ އާ މިންގަނޑަކަށް 145 ޑޮލަރުގެ ބޫޓެއް ވެއްޖެއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުންނާއި ކެބިނެޓްގެ ވަޒީރުން މިހާރު ބޭނުންކުރައްވަނީ ރައީސްގެ އިރުޝާދުގެ މަތިން 'ފްލޯޝައިމް' ބްރޭންޑްގެ ބޫޓެވެ.
ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ޓްރަމްޕް ވަނީ އޭނާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ފަދަ އިސް ބޭފުޅުންނަށް މި ބޫޓު ހަދިޔާކުރައްވާފައެވެ. ޓްރަމްޕް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާއިރު، އެ ބޭފުޅުންގެ ފައިގެ ސައިޒު އަމިއްލަފުޅަށް އަންދާޒާކުރެއްވުމަށްފަހު، ސޮއިކުރައްވާފައިވާ ބޫޓު ފޮށިތައް އެ ބޭފުޅުންގެ ގެއަށް ނުވަތަ އޮފީހަށް ފޮނުއްވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
1892 ވަނަ އަހަރު ޝިކާގޯގައި އުފަންވި މި ބްރޭންޑަކީ އެމެރިކާގެ އުފެއްދުމަކަށް ވުމާއި، އޭގެ ކްލެސިކް ޑިޒައިން އަދި އަގުހެޔޮވުމަކީ ޓްރަމްޕް މި ބޫޓަށް ލޯބިކުރައްވާ ސަބަބުތަކެވެ. ވައިޓް ހައުސްގެ ބައެއް އޮފިޝަލުން ކުރިން ލުއީ ވުޓަން ފަދަ އަގުބޮޑު ބްރޭންޑްތައް ބޭނުންކުރި ނަމަވެސް، ރައީސްގެ ފާޑުކިޔުންތަކުން ސަލާމަތްވުމަށާއި ޓީމުގެ ބައެއްގެ ގޮތުގައި ފެނުމަށްޓަކައި މިހާރު ވަނީ ފްލޯޝައިމް ބޫޓަށް ބަދަލުވެފައެވެ.
ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި، ޓްރަމްޕް މި އާދަ ފެއްޓެވީ ބައްދަލުވުމެއްގެ ތެރެއިން ބައެއް ބޭފުޅުންގެ ބޫޓު ފެނިވަޑައިގެން، އެއީ 'ދަށް ފެންވަރުގެ' ބޫޓުތަކެއް ކަމަށް ވިދާޅުވެފައެވެ. "ތިޔަ ބޭފުޅުންގެ ބޫޓުތައް ވަރަށް ސަކަރާތް، މިއަށްވުރެ ރަނގަޅު ބޫޓު ހޯދައިދޭންޖެހޭ،" ޓްރަމްޕް ވިދާޅުވި ކަމަށް ވެންސް ކިޔައިދެއްވިއެވެ.
މިހާރު މި ބޫޓު ވެފައިވަނީ ހަމައެކަނި އަރައިގެން އުޅޭ އެއްޗަކަށް ނޫނެވެ. މިއީ އެ ބޭނުން ކުރާ މީހާ ޓްރަމްޕްގެ ސިޔާސީ ފަލްސަފާއާއި އޭނާގެ ލީޑަޝިޕަށް އޮތް ވަފާތެރިކަން ހާމަކޮށްދޭ 'ޔުނީފޯމެއް' ކަމަށް މުހައްލިލުން ސިފަކުރެއެވެ. ވައިޓް ހައުސްގެ ތެރޭގައި މިހާރު މަޝްހޫރުވެފައިވަނީ "ފްލޯޝައިމް ކްލަބް" ގެ ގޮތުގައެވެ.






