ޣަަދަރުވެރި އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމަކީ މިހާރު އީރާނުގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ވޮޝިންޓަނާއެކު ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރާގްޖީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޕީބީއެސް ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި އިރާގްޖީ ވިދާޅުވީ، އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް ހިތްދަތި ކެހިވެރި ތަޖުރިބާއެއް ކަމަށާއި، އެހެންކަމުން އެގައުމާއެކު އަލުން ވާހަކަދެއްކުމަކީ އީރާނުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އީރާނުގެ އައު ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ ބަޔާންތަކާއި ނިންމުންތަކަށް އެންމެން އިންތިޒާރު ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ އަސްކަރީ ގާބިލިއްޔަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، "އީރާނުގެ މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ" ކަމަށާއި، ބޭނުންވާ ކޮންމެ ވަގުތެއްގައި އަދި ކޮންމެ ހާލަތެއްގައި ވެސް ހަމަލާ ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލުކުރުމަށް ރޭވި ރޭވުންތައް ވަނީ ފެއިލްވެފައެވެ.
އިރާގްޖީ ތުހުމަތު ކުރެއްވި ގޮތުގައި އެމެރިކާއިން ދަނީ އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ. މިގޮތުން މީނާބް ސަރަހައްދުގެ ސްކޫލެއްގައި ކިޔަވަން ތިބި 180 އަންހެން ކުދިން ޝަހީދުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާގެ ޓްރަމްޕް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ ސިޔާސަތުތަކުގައި ބޮޑެތި އޮޅުންބޮޅުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އިރާގްޖީ ވިދާޅުވީ، މި ހަނގުރާމަ ނިންމާނެ ސީދާ މިސްރާބެއް އެމެރިކާއަށް ނޭނގޭ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަސަރުކުރަން ފަށާފައިވާ ކަމަށާއި، ހަމަލާތައް ފެށިތާ ދިހަ ދުވަސް ވެފައިވާއިރު އެމެރިކާއަށް އެއްވެސް އަމާޒެއް ހާސިލްނުކުރެވޭ ކަމަށް ވިދާޅުވިއެވެ.






