އެމެރިކާއާއި ޒަޔަނިސްޓުންގެ މަސްލަހަތުތަކަށް މެދު ނުކެނޑި އީރާނުގެ ދިފާއީ ހަމަލަތައް

އީރާނުން އެމެރިކާގެ އިގްތިސާދު އިނދެ ޖައްސާލުމަށް އެގައުމުގެ ވިޔަފާރި މަސްލަހަތުތަކާއި އެގައުމަށް އެހީވާ އިގްތިސާދީ މަރުކަޒުތަކަށް ދެމުންގެންދާ ދިފާއީ އާ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތައް ދިނުން ކުރިއަށް ގެންދަމުން ދެއެވެ. މި ދިފާއީ ހަމަލާތަކުގެ ސަބަބުން މިއަދު ބުދަ ދުވަހު އޮމާންގެ ސަލާލާ ބަނދަރުގައި އޮތް ތެޔޮ ޓޭންކުތަކެއްގައި އަލިފާން ރޯވެފައި ވެއެވެ. އަދި އަބޫދާބީގެ ކުރީގެ އެއާޕޯޓަށް ވެއްޓުނު މިސައިލް އެތިކޮޅުތަކެއްގެ ސަބަބުން އެތަނުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. މިއީ ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު އެތިކޮޅުތަކެކެވެ.

އޮމާންގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި، ސަލާމަތީ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބައެއް ޑްރޯންތައް ވައްޓާލާފައިވެއެވެ. ނަމަވެސް ބައެއް ޑްރޯންތައް ސަލާލާ ބަނދަރުގެ ތެޔޮ ޓޭންކުތަކަށް އަރާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެ އެޖެންސީން ބުނީ، ގައުމާއި ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިފަދަ އަނިޔާވެރި ހަމަލާތައް ދެނެގަނެ ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އޮމާންގެ ދުގުމްގެ އުތުރުން ކަނޑަށް ޑްރޯނެއް ވެއްޓިފައިވާ ކަމަށާއި، އަދި އެހެން ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ. މި ހާދިސާގައި ވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އޮމާނުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށް ބުނެފައެވެ.

އޮމާންގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮމާންގެ ސުލްތާން ހައިޘަމް ބިން ތާރިގް އާލަސައީދު ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި، އޮމާންގެ ސަރަހައްދަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އެކަން ކުށްވެރިކުރައްވާފައެވެ. އަނެއްކޮޅުން، ގަތަރުގެ ދިފާއީ ވުޒާރާއިން "އެކްސް" މެދުވެރިކޮށް ބުނެފައިވަނީ، މިއަދު ހެނދުނު ގަތަރަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއް އެ ގައުމުގެ ސިފައިން ހުއްޓުވާފައިވާ ކަމަށެވެ.

ކުވެއިތުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ވައިގެ މަގުން އައި ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން 7 ޑްރޯން ހަލާކުކޮށްލާފައިވާ ކަމަށާއި، އެކެއް ނުރައްކާތެރި ސަރަހައްދުން ބޭރަށް ވެއްޓިފައިވާ ކަމަށް ކުވެއިތުން ކަށަވަރުކޮށްދެއެވެ.

ކުވެއިތުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ނާސިރު ބޫސަލީބު ވިދާޅުވީ، ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު މިސައިލް އެތިކޮޅުތަކާ ގުޅޭ 18 ރިޕޯޓެއް ފާއިތުވި 24 ގަޑިއިރު ތެރޭގައި ލިބިފައިވާ ކަމަށެވެ. އަދި ހަމަލާތައް ފެށުނީއްސުރެ މިހާތަނަށް މިފަދަ 347 ރިޕޯޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީގައި، އަބޫދާބީ މީޑިއާ އޮފީހުން ބުނީ ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު އެތިކޮޅުތަކެއްގެ ސަބަބުން އަބޫދާބީގެ ކުރީގެ އެއާޕޯޓުގައި ރޯވި އަލިފާން ސިވިލް ޑިފެންސް ޓީމުތަކުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ދުބާއީ އެއާޕޯޓް ކައިރިއަށް ދެ ޑްރޯން ވެއްޓުނު ނަމަވެސް، ފްލައިޓްތަކުގެ ދަތުރުފަތުރު އާންމު ހާލަތުގައި ކުރިއަށްދެއެވެ. ރޮއިޓާސްގެ މަންޒަރުދުށް މީހުން ބުނި ގޮތުގައި އެއާޕޯޓަށް ފެންނަ ފެނުމަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް 4 މީހަކަށް އަނިޔާވިއެވެ.

މި ހަމަލާއަކީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަބޫދާބީ އަދި ކުވެއިތު އެއާޕޯޓަށް ލިބުނު ގެއްލުންތަކަށް ފަހު ކުރިމަތިވި އާ ނުރައްކަލެކެވެ.

ބަހްރޭންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ގަލްފް އެއާގެ ބައެއް ހުސް ފްލައިޓްތަކާއި ކާގޯ ބޯޓުތައް ބަހުރައިންގެ އެހެން އެއާޕޯޓުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި ދަތުރުފަތުރު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ބަހުރައިން އަކީ ރާއްޖޭގެ ނިސްބަތުން މާލެއާއި އައްޑުއާ ދެމެދުގެ މަސާފާއެއްގައި އޮންނަ ގައުމެކެވެ. އަދި މިއީ ގިނަ އަދަދަކަށް ޔަހޫދީ ޖާސޫސުން ބައިތިއްބާފައިވާ އަދި 12 ދުވަހުގެ އެމެރިކާ އިޒްރޭލުގެ އުދުވާނީ ހަމަލަތަކުގައި ޖާސޫސީ މަސައްކަތާއި ހަމަލަތައް ވިލަރެސް ކޮށްދިން ކަމަށް ފާޅުގައި އެއްބަސްވެފައިވާ ގައުމެވެ. އަދި މިއީ ގަލްފްގައި ހުންނަ އެމެރިކާގެ ސަރަހައްދީ ކަނޑުގެ ސިފައިންގެ މަރުކަޒުގެ އިދާރާ ހުންނަ ގައުމެވސް މެއެވެ. އީރާނުން ދަނީ ބަހުރައިން ގިއްގަޅުވާލަމުންނެވެ.

"ފްލައިޓް ރާޑާ 24″ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ބަހުރައިން އިން ބަދަލުކޮށްފައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ސޮލީބީ ހަނގުރާމައަށް މިއަދަށް 12 ދުވަސް ވެފައިވާއިރު، ވޮޝިންޓަނާއި ޒަޔަނިސްޓު ޓެރަރިސްޓުން ދަނީ އީރާނުގެ ސިޓީތަކަށާއި ސްކޫލުތަކާިއ ހަސްފަތާލުތަކަށާއި މީޙުން ދިރިއުޅޭ މަރުކަޒުތަކަށް ބޮން އަޅަމުންނެވެ.

މީގެ ރައްދުގައި ތެހެރާނުން ދަނީ އިޒްރޭލަށާއި އެ ސަރަހައްދުގައި ހުރި "އެމެރިކާގެ އިގްތިސާދީ / ޖާސޫސީ/ އަސްކަރީ މަސްލަހަތުތަކަށް" އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. މީގެ ސަބަބުން މީހުން މަރުވެ، އަނިޔާވެ، އެއާޕޯޓުތަކާއި ބަނދަރުތައް ފަދަ އާންމު ތަންތަނަށް ގެއްލުން ލިބެމުންދާތީ، އަރަބި ގައުމުތަކުން ދަނީ މި ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ހިއްސާ ކުރައްވާ!