ބޮޑެތި ގައުމުތަކުގައި ކަންކަން އޮންނަނީ އެމީހުން ދުނިޔެއަށް ދައްކާ ދަޅައާ އެއްގޮތަކަށެއް ނޫނެވެ! ޒަމާންތަކެއް ވަންދެން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގައި އޮންނަ ބޯދާ ޒަމާނުގެ އާއިލާއަށް ގޮނޑި ވާރުތަވާ ސަގާފަތް ނިމުމަކަށް ގެނަސް އެގައުމުން ޑިމޮކްރެސީއަށް ލޯބިކުރާ ގައުމުތަކުގެ ސަފަށް ރުޖޫއަ ވެއްޖެއެވެ.
މިއީ، އިނގިރޭސިވިލާތުގެ ގަރުނުތަކެއްވީ ބަރުލަމާނީ ނިޒާމު ޒަމާނީކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އެ ގޮތުން، 'ހައުސް އޮފް ލޯޑްސް ގެ (ހެރެޑިޓަރީ ޕިއާސް) ބިލް' އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ވަނީ ފާސްކޮށްފައެވެ. މި ބިލް ފާސްވުމާއެކު، އާއިލީ ތަރުތީބުން ނުވަތަ ވިރާސީ ގޮތުން މަތީ ގޭގެ މެންބަރުކަން އޮޓޮމެޓިކުން ލިބެމުން ދިޔަ ބޯދާ ހަމަނުޖެހޭ އުސޫލު ނިމުމަކަށް އަންނާނެއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައުސް އޮފް ލޯޑްސްއިން ފާސްކުރި މި ގާނޫނަކީ ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ލޭބަރ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ. މީގެ ކުރިން 1999 ވަނަ އަހަރު ޓޯނީ ބްލެއަރގެ ސަރުކާރުން ގެނައި އިސްލާހުގައި 600 އަށްވުރެ ގިނަ ވިރާސީ މެންބަރުން ވަކިކުރި ނަމަވެސް، ވަގުތީ ގޮތުން ބޭތިއްބި 92 މީހުންގެ އާއިލީ ޚާންދާނީ ގޮނޑި މި އާ ގާނޫނާއެކު އެއްކޮށް އުވިގެންދިޔައީއެވެ.
މި ބިލުގެ ދަށުން 1999 ވަނަ އަހަރުގެ ގާނޫނުގެ ބައެއް މާއްދާތައް އުވާލައި، ވިރާސީ ގޮނޑިތަކުގެ އަދަދު ސުމަކަށް ތިރިކުރާނެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ މިހާރު ހިނގަމުންދާ ބަރުލަމާނީ ދައުރު ނިމުމުންނެވެ. އެއީ ގާތްގަނޑަކަށް 2026 ވަނަ އަހަރުގެ މޭ މަހު ކަމަށް ބެލެވެއެވެ. އޭގެ ފަހުން ހަމައެކަނި އާއިލީ ހަސަބާއި ނަސަބަށް ބިނާކޮށް އެއްވެސް ފަރާތަކަށް ހައުސް އޮފް ލޯޑްސްގެ ގޮނޑިއެއް ނުލިބޭނެއެވެ.
ސަރުކާރުން މި ބިލް ފާސްކުރުމަށްޓަކައި ބައެއް ދޫދިނުންތައް ވެސް ވަނީ ދީފައެވެ. އެގޮތުން، މިހާރު ތިއްބެވި ބައެއް ވިރާސީ މެންބަރުންނަށް އުމުރުދުވަހުގެ މެންބަރުކަން ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ރަސްމީ އިހުތިފާލުތަކާ ގުޅޭ މަގާމުތައް ދެމިއޮތް ނަމަވެސް، އެ ފަރާތްތަކަށް ގާނޫނު ހެދުމުގެ ބާރެއް ނޯންނާނެއެވެ.
މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ ޑިމޮކްރެސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ލޭބަރ މިނިސްޓަރު ލޫކް ޕޮލާޑް ވިދާޅުވީ، "އުފަންވި އާއިލާގެ ހަސަބާއި ނަސަބުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ކަމަށެވެ. ނަމަވެސް، ބައެއް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މީގެ ސަބަބުން އިނގިރޭސިވިލާތުގެ ތާރީޚީ ގާނޫނީ އޮނިގަނޑަށް ލޮޅުން އަރާނެ ކަމަށާއި، މި މަޖިލީހަކީ ސިޔާސީ ޕާޓީތަކަށް ވަފާތެރި މީހުންނަށް މަގާމު ދޭ ތަނަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
މި އިސްލާހަކީ 14 ވަނަ ގަރުނުން ފެށިގެން އޮތް ނިޒާމަކަށް ގެނައި ބޮޑު އިސްލާހީ ބަދަލެކެވެ. މިއީ 1999 ވަނަ އަހަރު ފެށި މަސައްކަތުގެ ނިމުން ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި ހައުސް އޮފް ލޯޑްސްގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި އިންތިޚާބުކުރާ މަޖިލީހަކަށް ބަދަލުކުރުމާ މެދު އިތުރު މަޝްވަރާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.






