ސޫރިޔާގެ ޙުމްސް ސިޓީގައި ހުންނަ އިމާމް އަލީ ބިން އަބީ ތާލިބް މިސްކިތުގެ ތެރޭގައި ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާއެއްގައި އަށް މީހުން މަރުވެ، 21 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އަލަވީ މަޒުހަބުގެ މީހުން ގިނައިން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަ މިސްކިތެއްގައެވެ. އަލަވީންނަކީ ސޫރިޔާގައި ބައި މަދު އަދި ކުރިން ވެރިކަން ކުރި ސުލައިމާނުލް ވަޙުޝްގެ އާއިލާ ނިސްބަތްވާ މަޒުހަބެވެ. ސުލައިމާނުލް ވަހުޝް އަކީ ހާފިޒުލް އަސަދުގެ ބައްޕައެވެ. ވަހުޝް ނަމުގެ ބިރުވެރިކަމުން އެނަން އަސަދު (ސިންގާ)އަށް ބަދަލު ކުރީއެވެ.
ދައުލަތުގެ މީޑިއާއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ މިސްކިތުގެ ތެރޭގައި ގޮވާތަކެތި ހަރުކޮށްގެންނެވެ.
ސޫރިޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ހަމަލާ ދިން ސަރަޙައްދު ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ސޫރިޔާގެ ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ދީފައިވާ ހަމަލާއެއް" ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ. މި ހަމަލާ ދީފައިވަނީ ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި މަޒްހަބީ ފިތުނަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ފާއިތުވި މަސްތަކުގައި ސޫރިޔާގެ އެކި ހިސާބުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކާއި، އަލަވީ މަޒުހަބުގެ މީހުންނާއި، ސިފައިންގެ އިތުރުން ކުރުދީ ހަނގުރާމަވެރިންގެ މެދުގައި ވަނީ ކުރިމަތިލުންތައް އިތުރުވެފައެވެ. މި ހަމަލާއަކީ މި ހަމަނުޖެހުންތަކާ ގުޅުންހުރި ކަމެއް ކަމަށް ބެލެވެއެވެ.







