ގަލްފްގެ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާއާއި އިޒްރޭލުގެ މަސްލަހަތުތައް އޮންނަ ބެންކުތަކާ އެއް ކިލޯ މީޓަރު ދުރަށް ދިއުމަށް އީރާނުން އިންޒާރު ދީފިއެވެ. އީރާނުން ދީފައިވާ އިންޒާރުތަކާ ގުޅިގެން ދުބާއީގައި ހިންގާ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭންކުތަކުގެ މުވައްޒަފުން އެ ސިޓީ ދޫކޮށް ދާންފަށައިފިއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި އިދާރާތަކުގެ މުވައްޒަފުންނަށް މިހާރު ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އީމެއިލް މެދުވެރިކޮށް އަންގާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އީރާނުގެ އެންމެ ދުވަސްވީ ބޭންކެއްގެ ގޮތްޕަކަށް ސޮލީބީން ބޮން އަޅާފައިވާ ކަމަށެވެ. "ބޮން އެޅި ވަގުތަކީ ބޭންކުގެ މުވައްޒަފުން މަސައްކަތުގައި ތިބި ވަގުތެއް،" އަރަގްޗީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ސިފައިން މި ހަމަލާގެ ބަދަލު ހިފާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމާ ގުޅޭގޮތުން ރަޝިޔާ އާއި ޕާކިސްތާނުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލާއި އެމެރިކާއިން އުފައްދާފައިވާ މި ސޮލީބީ ހަނގުރާމަ ހުއްޓުވޭނީ އީރާނުގެ ހައްގުތައް ގަބޫލުކޮށް، ލިބުނު ގެއްލުމުގެ ބަދަލު ދީ، ކުރިމަގުގައި ދޭ ހަމަލާތަކުން ރައްކާތެރިވުމުގެ ބައިނަލްއަގުވާމީ ޔަގީންކަން ދިނުމުންނެވެ.
މި ދަނޑިވަޅުގައި ޗައިނާއިން ބުނެފައިވަނީ މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާ އާއި އިޒްރޭލުން އަސްކަރީ ހަރަކާތްތައް ހުއްޓާލަންޖެހޭ ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގު ދާރްއާ ފޯނުން ގުޅުއްވައިފައެވެ.
މީގެ އިތުރުން، ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ހިނގަމުންދާ ކުރިމަތިލުންތަކާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ޗައިނާގެ ޚާއްސަ މަންދޫބަކު ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މަޝްވަރާގެ މޭޒަށް އެނބުރި އައުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް ވެސް ޗައިނާއިން ފާހަގަކުރިއެވެ.






