ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް ބޮޑެތި ލުއިތަކެއް ދީ، އެ ކެޓަގަރީއަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އުސޫލު އިސްލާޙުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ކެޓަގަރީގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 24 ވާ އަންގާރަ ދުވަހު ހުޅުވާލާނެއެވެ.
އަދި އިތުރަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާ ފަރާތްތަކަށާއި، ރަށުން އެފަރުވާ ލިބެން ނެތުމުން މާލެ އަންނަންޖެހޭ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅެފައިވާންޖެހޭ މުއްދަތު ކުރުކޮށް، ޚިދުމަތް ހޯދުމަށް މާލެ ބަދަލުވެފައިވާ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. ފުލެޓަށް އެދި ހުށަހަޅަންޖެހޭނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. މި އުސޫލުގައި އެ ކެޓަގަރީގެ ޝަރުތުތަކާއި، ޕޮއިންޓު ދޭނެ ގޮތުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބޭ އާއިލާތަކުގެ އިތުރުން، މުސްކުޅި މައިންބަފައިން ބަލާ އާއިލާތަކާއި، އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި ދަރިން ތިބޭ އާއިލާތަކަށް މި ޕްރޮގްރާމްގެ ދަށުން ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
މި ބަދަލަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެނައި ހެޔޮ ބަދަލެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.




