ޖައުލާނީއަށް އިރާގު ހަނގުރާމަވެރިންގެ އިންޒާރެއް: ލުބުނާނާ ނުބެހޭތި!

ސޫރިޔާގެ އާ ވެރިޔާ އަހުމަދު އަލްޝަރައު / އަބޫ މުހައްމަދު އަލްޖައުލާނީ ރައީސް، ލުބުނާނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގުމަށް އިރާގުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ 'އިސްލާމިކް ރެސިސްޓެންސް އިން އިރާގު' އިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައިއަތު ތަހުރީރުއްޝާމްގެ ލީޑަރު އަޚު ޖައުލާނީ، އެއްވެސް ބަހަނާއެއްގައި ނަމަވެސް ލުބުނާނާ ދިމާލަށް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، އެއީ މުޅި ސަހުޔޫނީންނާ ދެކޮޅުވެރި ނާރެހާ ބެހި އިއުލާން ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި އެ ޖަމާއަތުން ބަލާނެ ކަމަށެވެ. އަދި ސޫރިޔާގެ އާ ސަރުކާރުން ބޭރުގެ ސަހުޔޫނީ ބާރުތަކާއެކު ކުރަމުންދާ މުއާމަލާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިރާގުގެ ހަނގުރާމަވެރިން ވަނީ ޖައުލާނީއަކީ އިޒްރޭލާއި އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ. "ސޫރިޔާގެ އާ ބާރުތަކުން ބޭރުގެ ސަހުޔޫނީ ފަރާތްތަކާ ގުޅިގެން ހިންގާ ޣައްދާރު އަމަލުތައް އަހަރެމެން މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން،" ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ނުވަތަ އެ ސަރަހައްދުގެ ދެކޮލުވެރިންގެ މާހައުލަށް އަމާޒުވާ ކޮންމެ ހަމަލާއެއް ހުއްޓުވުމަށް ފުރިހަމައަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. ލުބުނާނުގެ އިސްތިގުލާލަށް އުނިކަން އަންނަ ފަދަ ކަމެއް ކޮށްފިނަމަ، މުޅި ސަރަހައްދު 'އަލިފާނުގެ މައިދާނަކަށް' ބަދަލު ކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މި ބަޔާން ނިންމާލަމުން ބުނެފައިވަނީ، މިއީ ސީދާ ކުރިމަތިލުމަކަށް ނުގޮސް ސަލާމަތްވުމަށް ދެވޭ އެންމެ ފަހުގެ އިންޒާރު ކަމަށެވެ. މިއީ ސޫރިޔާގެ ވެރިކަން ބަދަލުވި ފަހުން، އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ސޫރިޔާގެ އާ ލީޑަޝިޕާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހާމަވެގެންދިޔަ މުހިންމު ނިންމުމެކެވެ.

ހިއްސާ ކުރައްވާ!