ލައިބީރިއާގެ ކުރީގެ ރައީސް އަދި ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޗާލްސް ޓެއިލާގެ ވެރިކަމުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ބިރުވެރި ވާހަކަތައް އާ ރިޕޯޓުތަކަކާއެކު އަލުން ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ޗާލްސް ޓެއިލަރ އަކީ މުސްލިމެއް ނޫނެވެ. އަދި އިސްލާމީ ޖަމާއަތަކށް ނިސްބަތްވި މީހެއް ނޫނެވެ. އޭނާއަކީ ކްރިސްޓިއަނެކެވެ. ލައިބީރިއާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ޓެއިލާގެ އަމުރަށް ހިންގާފައިވާ މި ޖަރީމާތަކުގެ ސަބަބުން ދެ ލައްކަ 50 ހާސް މީހުން ވަނީ މަރާލާފައެވެ.
އުމުރުން މިހާރު 77 އަހަރުގެ ޓެއިލާ މިވަގުތު ގެންދަނީ އިނގިރޭސިވިލާތުގެ މެކްސިމަމް ސެކިއުރިޓީ ޖަލެއްގައި 50 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ގަނޑުކޮށް މީހުން މެރުމާއި، އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމުގެ އިތުރުން ކުޑަކުދިން ހަނގުރާމައިގައި ބޭނުންކުރުން ހިމެނެއެވެ. މިއީ ޒަމާނީ ތާރީޚެއްގައި މިފަހުން މީހެއްގެ ފުށުން ފެނިފައިވާ އެންމެ ރަހުމުކުޑަ އަމަލުތައް ހިންގާފައިވާ މީހާއެވެ.
މިފަދަ ހުރިހައި އަނިޔާވެރި އަމަލުތަކުގެ ފަހަތުގައި ނަސާރާ ދީނުގެ މީހުން ތިބެނީ ކިއްވެތޯ މީހުން ސުއާލު ކުރެއެވެ. އެ ސުއާލު ކުރެވެނީ، އާންމުކޮށް އަނިޔާވެރި އަމަލުތަކަށް މުސްލިމުން ޒިންމާ ކުރެވޭތީ އެވެ. ބޮޑު ހަނގުރާމައިން ފެށިގެން މިހާތަނަށް ފެނުނު ހުރިހައި ގަތުލުއާންމ،ަކާއި ބޮޑެތި ހަނގުރާމަތާއި ގަނޑުކޮށް މީހުން މެރުމުގެ ހުރިހައި ކަމެއް ހިންގާފައި ވަނީ ކްރިސްޓިއަނުންނެވެ. ނޫންނަމަ ހުޅަނގުގެ ސިޔާސީ ވެރިންނާއި ސިފައިންނެވެ.






ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ޓެއިލާއަށް ވަފާތެރި ފައުޖުތަކުން ވަނީ ގާތްގަނޑަކަށް 250,000 މީހުން މަރާލާފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް މަޖުބޫރުކޮށްގެން އާންމުންނާއި، އަމިއްލަ އާއިލާގެ މީހުން މެރުވުމަށް ޓެއިލާގެ ފައުޖުތަކުން ބާރުއަޅާފައިވާކަން ވަނީ ހާމަވެފައެވެ. މިއީ ލައިބީރިއާ އަދި އަވަށްޓެރި ސިއެރަ ލިއޯންގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ހިންގާފައިވާ އަމަލުތަކެކެވެ.
ޓެއިލާގެ މައްޗަށް 2012 ވަނަ އަހަރު އދ. ގެ ޓްރައިބިއުނަލުން ހުކުމް ކުރީ ސިއެރަ ލިއޯންގެ ރިވޮލިއުޝަނަރީ ޔުނައިޓެޑް ފްރަންޓުން ހިންގި ހަނގުރާމައިގެ ކުށްތަކަށް އެހީތެރިވެދީ، އެކަމަށް ހިތްވަރު ދިންކަމަށް ސާބިތުވުމާ ގުޅިގެންނެވެ. އޭނާގެ ބާކީ އޮތް މުޅި އުމުރު ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށް ބެލެވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ޓެއިލާގެ ކުށްތަކަށް އަލުން ސަމާލުކަން ލިބުމަކީ ހުޅަނގު އެފްރިކާގެ މުޖުތަމައުތަކަށް ލިބިފައިވާ ފުން ހިތާމަ އާއި ޒަޚަމްތައް ހަނދާންކޮށްދޭ ކަމެކެވެ. އަދި މިފަދަ ޖަރީމާތަކުން ސަލާމަތްވި މީހުންނަށް އިންސާފު ހޯދައިދިނުމާއި، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން މިކަމުން އިތުރަށް ހާމަވެގެންދެއެވެ.







