ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް، ފާޑުކިޔައި ފޮނުވާފައިވާ ޕޯސްޓްތަކާއި، ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން (ޔޫ.ޖީ.ސީ) ގެ ގަވާއިދުތަކާ ގުޅިގެން އިންޑިއާ ސަރުކާރުން އަމަލުކުރި ގޮތް ކުށްވެރިކޮށް އެކްސް އަދި އިންސްޓަގްރާމްގެ ގިނަ އަދަދެއްގެ އެކައުންޓްތައް ނެގުމަށާއި ބަންދުކުރުމަށް އިންޑިއާ ސަރުކާރުން މީސްމީޑިއާ ކުންފުނިތަކަށް އަންގައިފިއެވެ.
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ވަނީ ނަންގުވާފައެވެ. މީގެ ތެރޭގައި ހޮޓްމެއިލްގެ ކޯފައުންޑަރ ސަބީރު ބާޓިއާ، މޯދީއަށް ފާޑުކިޔައި ކުރި ޕޯސްޓަކާއި، އިންޑިއާއިން މުސްލިމުންނާ ނަސާރާއިންނާ މެދު އަމަލުކުރާ ގޮތަށް ފާޑުކިޔައި ކުރި ޕޯސްޓްތަކުގެ އިތުރުން، މޯދީއަށް ހަދާފައިވާ ދެ އެނިމޭޓެޑް ކާޓޫން ވެސް ނެގުން ހިމެނެއެވެ.
ނައްތާލެވުނު ޕޯސްޓްތަކުގެ ސީދާ އަދަދު ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް، މީޑިއާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ޕޯސްޓްތައް ނައްތާލުމަށް ނެރޭ އަމުރުތަކަކީ ސިއްރު އަމުރުތަކެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި އަމުރުތަކަށް އިޖާބަދެނީ އިންޑިއާގައި އެ ޕޯސްޓްތައް ނުފެންނަ ގޮތް ހަދައިގެންނެވެ. ނަމަވެސް އެހެން ގައުމުތަކަށް އެ ޕޯސްޓްތައް ފެންނާނެއެވެ.
މެޓާގެ އެންމެ ފަހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް އިންޑިއާ ސަރުކާރުގެ އަމުރުތަކަށް ނައްތާލި ކޮންޓެންޓްގެ އަދަދު، 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު ވެފައި ވެއެވެ. މީގެ ތެރޭގައި ކޮމިއުނިޓީ ސްޓޭންޑަރޑްތަކާ ޚިލާފުވެގެން މުޅި ދުނިޔެއަށް ބްލޮކްކުރި ކޮންޓެންޓެއް ނުހިމެނެއެވެ.
އިދިކޮޅު ނޫހަކުން މޯދީއަށް މަލާމާތްކޮށް ތައްޔާރުކުރި ދެ އެނިމޭޝަން ވީޑިއޯއަކަށް އެކްސް އަދި އިންސްޓަގްރާމް މެދުވެރިކޮށް ނޯޓިސް ފޮނުވާފައިވާއިރު، އެ ވެބްސައިޓްގެ ބާނީ ސިދާތު ވަރަދަރާޖަން ދެވަނަ ވީޑިއޯ އަލުން ހިއްސާކުރުމުން އެވެސް ވަނީ ނައްތާލާފައެވެ.
ކޮންގްރެސް ޕާޓީން ވެސް ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފެއްދި މޯދީއަށް މަލާމާތް ކުރާ ޕޯސްޓްތަކެއް ނައްތާލާފައިވާ ކަމަށް ވެސް ބުނެފައެވެ. އެ ޕާޓީގެ ތަރުޖަމާނު ސުޕްރިޔާ ޝްރިނޭޓް ވިދާޅުވި ގޮތުގައި ޖުމްލަ ނުވަ ޕޯސްޓެއް ވަނީ ނައްތާލާފައެވެ. ފާއިތުވި ހަފުތާތަކުގައި ނެރުނީ ކިތައް އަމުރުކަން ސާފުނުވި ނަމަވެސް، ބޮޑުވަޒީރަށް ފާޑުކިޔައިގެން އެޕާޓީގެ ކޮންޓެންޓް ނައްތާލާފައިވާ ކަމުގެ ހެކިތަކާއެކު ގިނަ އަދަދެއްގެ އާންމު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
ކާޓޫނިސްޓް ސަތީޝް އަޗާރިޔާ، އިއްޔެ ބުނި ގޮތުގައި، އޭނާ ޝާއިއުކުރި ދެ ކާޓޫނެއް ބްލޮކް ކުރުމަށް މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން އަމުރުކޮށްފައިވެއެވެ. އަދި، ތިން ދުވަސް ތެރޭގައި އެކްސް އިން އޭނާއަށް ދެ ނޯޓިފިކޭޝަން ލިބިފައިވެއެވެ.

އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ އެކްޓް 2000 ވަނަ އަހަރުގެ މާއްދާ (69)ގެ (ހ) ގެ ދަށުން ނެރޭ އަމުރުތަކަކީ ސިއްރު އަމުރެވެ. މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި، ސަރުކާރުގެ އަމުރުތަކަށް އަމަލުކުރުމަށް ޕްލެޓްފޯމްތަކަށް ލިބެނީ ކުރިން ލިބުނު 24 އާއި 36 ގަޑިއިރުގެ ބަދަލުގައި އެންމެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރުގެ ނޯޓިހެކެވެ.
މި ތިން ގަޑިއިރުގެ ތެރޭގައި އަމުރަށް އަމަލުނުކޮށްފިނަމަ، އެ ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރެވިދާނެއެވެ. އެހެންކަމުން، އަމުރަށް ކިޔަމަންވެ، ކަމާގުޅޭ ޔޫޒަރުންނަށް އެ މެސެޖު ފޯރުކޮށްދިނުން ނޫން އިތުރު ގޮތެއް އެ ކުންފުނިތަކަކަށް ނެތެވެ.
69 ވަނަ މާއްދާގެ (ހ)ގެ ދަށުން ނެރޭ ގިނަ އަމުރުތަކަކީ "ގާނޫނުއަސާސީއާ ހިލާފު" އަމުރުތަކެއް ކަމަށް ސެންޓަރ ފޯ އިންޓަރނެޓް އެންޑް ސޮސައިޓީގެ ކޯ ފައުންޑަރ ޕްރަނޭޝް ޕްރަކާޝް ވިދާޅުވިއެވެ. އެއީ އެފަދަ ނިންމުންތަކާ މެދު ބަސްބުނުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ހަނިކޮށް އޮތުމާއި، އެ ނިންމުންތައް ނިންމި ސަބަބު ހާމަކޮށް އާންމުކޮށްފައި ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީލޮން މަސްކް އެކްސް ގަތުމުގެ ކުރިން، ޓްވިޓާގެ ނަމުގައި ހިންގިއިރު، މިފަދަ އަމުރުތަކުގެ ތަފުސީލުތައް ގަވާއިދުން ހިއްސާކުރަމުން ދިޔައެވެ. އަދި ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ ފަދަ ޑޭޓާބޭސްއެއް ވެސް އޭރު އޮތެވެ. ނަމަވެސް މިހާރު އެ މައުލޫމާތުތަކަށް އެކްސެސް ނުލިބޭތީ، ނެރެމުންދާ އަމުރުތަކުގެ އަދަދު ދެނެގަނެވޭނެ ގޮތެއް ނެތެވެ.
އިންޑިއާގެ ކަނާތު ފިޔައިގެ ހަރުކަށި ހިންދޫ ފިކުރުގެ އެކްޓިވިސްޓުންނާ ގުޅުންހުރި ދެ އެކައުންޓެއް ވެސް ވަނީ ބްލޮކްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިންދޫތުވާ އެކްޓިވިސްޓެއް ކަމަށްވާ ސާތަކް ބަގަތް އެވެ. އޭނާ ދާދިފަހުން ވަނީ ދިއްލީގެ އުއްތަމް ނަގަރުގައި ހޯލީގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތަރުން ކިޔާ މީހަކު މަރާލި ކަމަށް ބުނާ މައްސަލައިގައި އިހުތިޖާޖުކޮށްފައެވެ. މީގެ އިތުރުން، 2 ލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބި ވޯކް ކަޝްމީރީ އެކައުންޓެއް ވެސް ވަނީ އިންޑިއާގައި ހިފަހައްޓާފައެވެ.
ދެކުނު އޭޝިއާގައި މިވަގުތު މީޑިއާގެ ރޮނގުން އެންމެ މިނިވަން ގައުމަކީ ދިވެހިރާއްޖެއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި މީޑިއާ ބަންދުކޮށް މަސައްކަތް ތެރިން ޖަލަށް ލައި ކޮންޓެންޓް ހިފަހައްޓާތަނެއް ނުފެނެއެވެ. އޭޝިއާގެ އެހެން ގައުމުތަކުގައި މަސްރަހު ނިކަން ތަފާތެވެ.







