ހަނގުރާމައަށް 13 ދުވަސް: ހަމަލަތައް ކުރިއަށް

އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާ ކުރަމުންދާ ޓެރަރިސްޓް ހަނގުރާމައިގެ 13 ވަނަ ދުވަހު، އީރާނުގެ އާ އިމާމް އާޔާތުﷲ މުޖުތަބާ ޚާމަނާއީ ނެރުއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ، އީރާނު ބައިބައިކޮށްލުމަށް ކުރި މަސައްކަތްތައް އެގައުމުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. މުޖުތަބާ ޚަމަނާއީގެ ވީޑިއޯއެއް ފެނިފައެއް ނުވެއެވެ.

މުޖުތަބާ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށްދާނަމަ، ދުޝްމަނުންނަށް ތަޖުރިބާ ލިބިފައިނުވާ ފަދަ އާ ކުރިމަތިލުންތަކެއް އީރާނުން ފަށާނެ ކަމަށެވެ. އަދި "އަވަށްޓެރި ގައުމުތަކުގައި ހުރި ދުޝްމަނުންގެ އަސްކަރީ މަރުކަޒުތަކުން އަހަރެމެންނަށް ހަމަލާދީފައިވާތީ، އެއަށް ރައްދު ދިނުމަށް އަހަރެމެންނަށް ވަނީ މަޖުބޫރުވެފައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ އެހެން ޚަބަރުތަކަށް ބަލާއިރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން އިސްރާއީލަށް އަމާޒުކޮށް އާ މިސައިލް ހަމަލާތަކެއް ފޮނުވާލަން ފަށާފައިވެއެވެ. ތެލްއަވީވްގެ އުޑުމަތިން ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް އިސްރާއީލުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައި ވެއެވެ.

  • މީގެ އިތުރުން، އިރާގުގެ ތެޔޮ އުފުލާ ބޭރުގެ ދެ އުޅަނދަކަށް، އިރާގުގެ ކަނޑުގެ ސަރަހައްދުގައި ނޭނގޭ ފަރާތްތަކަކުން ހަމަލާދިނުމުގެ ސަބަބުން އެ ދެ އުޅަނދުގައި ވަނީ އަލިފާން ރޯވެފައެވެ.
    ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދެ އުޅަނދުގައި ތިބި 25 ފަޅުވެރިން އިރާގުން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް އުޅަނދުތަކުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައެއް ނުވެއެވެ.

އިސްރާއީލު ސިފައިން ވަނީ ތެހެރާނުގައި ހުންނަ ނިއުކްލިއާ ހަތިޔާރު އުފައްދާ މަރުކަޒީ ކޮމްޕްލެކްސް "ޠާލަޤާން" އަށް ބޮން އެޅިކަން އިޢުލާންކޮށްފައެވެ.

  • އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެކްސިއޯސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ އެތެރޭގައި ހަމަލާދޭނެ މާ ގިނަ އަމާޒުތަކެއް މިހާރު ބާކީ ނެތް ކަމަށާއި، ތެހެރާނާއެކު ކުރާ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އީރާނުގެ ބެލިސްޓިކް މިސައިލާއި ޑްރޯން ގާބިލުކަން ނައްތާލުމަށް ކޮންމެ ދުވަހަކު ހަމަލާދެމުންދެއެވެ. އަދި އީރާނުގެ "ސުލައިމާނީ" ކްލާސްގެ އެންމެ ފަހު މަނަވަރު ހަލާކުކޮށްލާފައިވާ ކަމަށާއި، އީރާނުގެ އެތެރޭގެ 5500 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

  • އީރާނުގެ ޓީވީން ވަނީ އިސްރާއީލަށް އަމާޒުކޮށް އާ މިސައިލް ހަމަލާތަކެއް ފޮނުވާލަން ފަށާފައިވާ ކަމަށް އިޢުލާންކޮށްފައެވެ. އަދި އިސްރާއީލުގެ މެދުތެރެއަށް އީރާނުން މިސައިލް ހަމަލާއެއް ދޭން އުޅޭކަން ފާހަގަކުރެވުމާއެކު، އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ވަނީ އިންޒާރު ނެރެފައެވެ.

އީރާނުގެ ފައުޖުތަކުގެ އޮޕަރޭޝަންތައް ކޮންޓްރޯލްކުރާ އެންމެ މަތީ އިދާރާ ކަމަށްވާ "ޚާތަމުލް އަންބިޔާ" ހެޑްކުއާޓާސްގެ ތަރުޖަމާނު ވިދާޅުވީ:

  • – ރޭގެ ވަގުތެއްގައި ގަލްފުގެ އުތުރު ސަރަހައްދުން އެމެރިކާގެ ތެޔޮ ޓޭންކަރަކަށް އަހަރެމެންގެ ކަނޑުގެ ސިފައިން ހަމަލާދީފައިވާނެ.
    – ހުރުމުޒް ކަނޑުއޮޅިއާއި ގަލްފުގައި ދަތުރުކުރާ އުޅަނދުތަކުން ދަންނަންޖެހޭ ހަގީގަތަކީ، މި ނާމާންކަމަކީ އެމެރިކާގެ އުދުވާނުގެ ނަތީޖާ ކަމަށް.
    – ހަމަލާއަކުން ސަލާމަތްވުމަށްޓަކައި، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ހަނގުރާމައިގެ ހާލަތުގައި އީރާނުން ކަނޑައަޅާފައިވާ ގާނޫނުތަކަށް ބޯލަނބަންޖެހޭނެ ކަމަށް.
    – އީރާނުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ އަމުރުފުޅަށް، ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ.
    – މި ސަރަހައްދުގައި ހުރި އެމެރިކާއާއި ޒަޔަނިސްޓުންގެ އަމާޒުތަކާ ދެކޮޅަށް އީރާންގެ އޮޕަރޭޝަންތައް ވަރުގަދަކަމާއެކު ކުރިއަށްދާނެ ކަމަށް ބުނެފައިވޭ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރުގެ މުޝީރު ވިދާޅުވީ، އީރާންގައި އަދި ބޭނުންނުކޮށް ހުރި ކުރިއަރާފައިވާ އާ މިސައިލްތައް އެބަހުރި ކަމަށާއި، ދިގު މުއްދަތުގެ ހަނގުރާމައެއް މެނޭޖްކުރުމުގެ ބޮޑު ގާބިލުކަމެއް އެގައުމަށް ލިބިގެންވާ ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު އިޢުލާންކުރެއްވި ގޮތުގައި، އިސްރާއީލުގެ ގޭސް ފީލްޑްތައް ކަމަށްވާ "ލެވިއަތަން" އަދި "ކަރިޝް" މިހާރު ވަނީ އީރާނުގެ ހަމަލާދޭ އަމާޒުތަކުގެ ތެރޭގައި ހިމަނާފައެވެ.

ހިއްސާ ކުރައްވާ!