ސުންނީ މުސްލިމުންނަށް އަދިވެސް ނުވިސްނޭނެ ހެއްޔެވެ؟ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ކަންބޮޑުވުން

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ދިން ތަޤުރީރެއްގައި، ސުންނީ އަދި ޝީޢީ މުސްލިމުންނަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. އޭނާ ވަނީ ޝާހަދަތުގެ ދެކަލިމަ ކިޔާފައިވާ ކޮންމެ މީހަކީ ސަހްޔޫނީ ސޮލީބީންގެ ދުނިޔެއަށް ހަންފެތުރުމާ ދެކޮޅުވެރި މީހެއްކަމަށް ލޭބަލްކޮށް މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިއުލާން ކޮށްފައެވެ. ފަލަސްޠީނުގެ ޖނޮސައިޑް ހިންގި މޭސްތިރިއަކީ ބައިނަލްއަގްވާމީ ކޯޓަށް ބޭނުންވެފައިވާ މުޖުރިމެކެވެ. އިސްލާމީ އުންމަތުގެ ދަންނަބޭކަލުންގެ ޖަމުއިއްޔާގެ ރައީސް ޑރ. އަލީ ޤުއްރާ ދާޣީ ސިފަކުރައްވަނީ މިއީ ނަތަންޔާހޫ އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމެއްގެ ގޮތުގައެވެ. މިކަމާ ގުޅިގެން ދަންނަބޭކަލުންގެ އިއްތިހާދުގެ ރައީސް ޑރ. ޢަލީ ޤުއްރާ ދާޣީ ވަނީ މުސްލިމުން ހޭލުމަށް ގޮވާލައްވާފައެވެ.

ނަތަންޔާހޫގެ ވާހަކަތަކުން ސާބިތު ވެގެން ދަނީ ކީރިތި ޤުރުއާނުގެ މުޢުޖިޒާއެވެ. ﷲ އަލްމާއިދާ ސޫރަތުގެ 82 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ:
لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ
(އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވަތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. )

މިއަދު ނަތަންޔާހޫ ދަނީ އެކަން ސާބިތުކޮށް ދެމުންނެވެ.

ޑރ. ޢަލީ ދާޣީ ވިދާޅުވީ، ފަލަސްޠީނުގެ ޖެނޮސައިޑްގެ ދުވަސްވަރުވެސް އޭނާ މުސްލިމުންނަށް ޣައްޒާ ހިމާޔަތްކުރުމަށް ގޮވާލެއްވި ކަމަށެވެ. އެއިރު އެވާހަކަ އަހާނެ މުސްލިމު ވެރިޔަކު ނުވި ކަމަށެވެ. މިއަދު، މިހާރު މިއޮތީ މުސްލިމް ގައުމުތަކުގެ ވެރިރަށްތައް ހިމާޔަތްކުރަން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުރައްކާތެރިކަން މިވަނީ ދޮރުގައި ޓަކިޖަހަން ފަށާފައި. އިސްލާމީ ގައުމުތަކުގެ ޗާޓުތައް މިދަނީ އެތިކޮޅުން އެތިކޮޅުން ވީދައި ކުދިކުދި ކުރަމުން،" އޭނާ ވިދާޅުވިއެވެ. ނަތަންޔާހޫ ސުންނީންނާއި ޝީޢީން އެއް ގޮޅިއަކަށްލައި، ހަރުކަށި ފިކުރުގެ ނަމުގައި ސިފަކުރަނީ މެދުއިރުމަތީގައި ބިރުވެރިކަން އުފައްދައި، އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތު ކުރިއަށް ގެންދިއުމަށް އޭނާގެ ރޭވުންތަކަށް ބާރުއެޅުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިސްލާމީ ޙަޟާރާ ބިނާވެފައިވަނީ އާރާސްތުކުރުމާއި، އެކުގައި އުޅުމާއި، އިލްމުގެ މައްޗަށް ކަމަށާއި، މުސްލިމުންނަކީ ދުވަހަކުވެސް އެހެން މީހުން ފޮހެލުމަށް މަސައްކަތްކުރި ބައެއް ނޫންކަން ޑރ. ޢަލީ ދާޣީ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއަދު މުސްލިމުން ބައިބައިކޮށްލައި މުޅި އިސްލާމީ އުންމަތުގެ ޗާޓު ބައިބަޔަށް ބަހާލުމަށް ކުރަމުންދާ މަސައްކަތަށް ސުންނީ މުސްލިމުން ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާޒީ ހަނދާން ކޮށްދެއްވަމުން ޑރ. އަލީ ދާޣީ ވިދާޅުވީ، މެދުއިރުމައްޗަށް މީގެ ކުރިންވެސް އިސްތިއުމާރީ ގިނަ ބާރުތަކެއް އައި ކަމަށާއި، ނަމަވެސް އެ ހުރިހާ ބާރުތަކެއް ފޮހެވިގެން ގޮސްފައިވާކަމަށެވެ. އަދި މުސްލުިމުންނަށް ހުށަހަޅުއްވާ ސުއާލަކީ، މުސްލިމުން މިއައު ރޭވުމާ މެދު ހޭލުންތެރިވެ މިކަން އަމަލީ ސިފައަކަށް ބަދަލު ކުރާނީ ކޮން އިރަކުންތޯއެވެ؟

ހިއްސާ ކުރައްވާ!