މައްކާގައި ދިވެހިން އުޅޭ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސައުދީ އަރަބިއްޔާގެ މައްކާގައި ދިވެހިން އާއްމުކޮށް އުޅޭ ސަރަހައްދެއްގައި ހުރި ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މައްކާގެ ހަރަމްފުޅަށް ދާން އޮންނަ މަޝްހޫރު އަޖްޔަދު ރޯޑުގައި ހުންނަ ކާތަކެތި ވިއްކާ ފިހާރައެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ  މައްކާއަށް މަޣްރިބް ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވަނިކޮށެވެ. އަލިފާން ރޯވި ތަނަކީ ދިވެހިން ގިނަ އަދަދަކަށް ކާބޯތަކެތި ގަންނަން ބޭނުންކުރާ ތަނެއް ކަމުން، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ދިވެހިން ތިބިކަން ފާހަގަކުރެވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދު ބަންދުކުރުމުން، ހަރަމްފުޅަށް ނަމާދަށް ދިޔުމަށް ނުކުމެ އުޅުނު ގިނަ އަދަދެއްގެ ދިވެހިންނަށް ދަތިތަކާ ކުރިމަތިވިއެވެ. މިގޮތުން ހަރަމަށް ނުދެވިގެން ބައެއް ދިވެހިންނަށް ޖެހުނީ އަނބުރާ ހޮޓަލަށް ދާށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީސް ކަމާބެހޭ ފަރާތްތަކުން ވަނީ އަލިފާން ނިއްވާލާފައެވެ.

މިއީ ދިވެހި އުމްރާވެރިންނާއި ހައްޖާޖީން ހަރަމަށް ދިއުމަށް އާއްމުކޮށް ބޭނުންކުރާ މަގުކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!