އިރާނުގެ ސަރަހައްދުތަކަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކާއެކު ވެސް ބައިނަލްއަގުވާމީ ގުދުސް ދުވަސް ފާހަގަކުރުމަށް ތެހެރާންގައި ބޭއްވި ހިނގާލުމާއި ސައިކަލް ބުރުގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބައިވެރިވެވަޑައިގެންފިއެވެ. ވާރޭވެހެމުންދިޔަ ވަގުތެއްގައި ބޭއްވި މި ރެލީގައި ރައީސް ބައިވެރިވެވަޑައިގަތީ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ބަދަލުގައި އާންމުންނާ ވަރަށް ގާތުންނެވެ.
ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުވެ ތިބިކަން ހާމަކުރުމަށް ބޭއްވި މި ރެލީ ކުރިއަށް ދިޔައިރު، ތެހެރާންގެ ބައެއް ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށާއި އާންމުންގެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ރައީސް ޕެޒެޝްކިއަން ވަނީ އެއްވެފައިވާ މީހުންގެ ތެރޭގައި ހިންގަވާފައި ސަޕޯޓަރުންނާ ސަލާމްކުރައްވައި ފޮޓޯ ނަންގަވައި މީހެއްގެ ސައިކަލު ފަހަތުގައި ސައިކަލް ބުރުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރައީސް ސައިކަލެއްގެ ފަހަތުގައި އިންނަވައިގެން މަގުތަކުން ދަތުރުކުރައްވާއިރު އާންމުންނަށް އަތްޕުޅުން އިޝާރާތް ކުރައްވައެވެ.
ދައުލަތުގެ މީޑިއާއިން ދެއްކި މަންޒަރުތަކުގައި ރައީސްގެ އަރިހުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ އަލީ ލަރީޖާނީ އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް ބައިވެރިވެވަޑައިގަތެވެ. ރެލީގެ ކުރިން ރައީސް ވަނީ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އިރާނުގެ ދުޝްމަނުން މާޔޫސްކޮށްލުމަށް ގޮވާލައްވާފައެވެ. އަދި އެޕްޓީން ގޭންގްގައި ހިމެނޭކަމަށް އީރާނުން ސިފަ ކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ބޭރުގެ ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން އިރާނުގެ އަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ގުދުސް ދުވަހުގެ ހިނގާލުމުގައި އާޔަތުالله އަލީ ޚާމަނާއީ އާއި އޭނާގެ ދަރިކަލުން މުޖްތަބާގެ ފޮޓޯތައް ބޭނުންކޮށްފައި ޖެނޮސައިޑް އިސްރާއީލާއި އެމެރިކާއަށް މަރަށް ގޮވައި ލައުނަތް ލެއްވުމަށް ދުއާކޮށްފައި ވެއެވެ. މީގެ އިތުރުން ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯތަކުގެ މަތިން ހިނގާފައިވެއެވެ.






