1967 ގެ ފަހުން ފުރަތަމަ ފަހަރަށް ރަމަޟާން މަހުގެ ފަހު ހުކުރުގައި ޔަހޫދީން މަސްޖިދުލް އަޤްޞާ ބަންދުކޮށްފި

1967 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު މަސްޖިދުލް އަޤްޞާ ބަންދުކޮށް، ޔަހޫދީން މުސްލިމުންނަށް އެ މިސްކިތަށް ނުވަދެވޭ ގޮތަށް ހަދައި ހުރަސް އަޅައިފިއެވެ. މިއީ ވިދިވިދިގެން އިސްރާއީލުން އަޤްޞާ މިސްކިތް ބަންދުކޮށްފައި ބޭއްވި 14 ވަނަ ދުވަހެވެ.

އިސްރާއީލުން މި ފިޔަވަޅު އަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް ކަމަށް ޔަހޫދީ ގައުމުން ބުނެއެވެ. ނަމަވެސް، ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގެ ގަވަރުނަރުގެ އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއަދުގެ ފަހު ހުކުރު ނަމާދަށް ވެސް މުސްލިމުންނަށް މިސްކިތަށް ވަނުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

ހިފާފައިވާ ގުދުސްގެ ގަވަރުނަރުގެ އޮފީހުން ވަނީ ހަރުކަށި ޔަހޫދީ ޖަމާއަތްތައް ކަމަށްވާ "ޓެމްޕަލް އޯގަނައިޒޭޝަންސް" އިން މަސްޖިދުލް އަޤްޞާއާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި ހަރަކާތްތަކާއި ދެމުންދާ އިންޒާރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިސްކިތް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މިފަދަ ހަރަކާތްތައް އިތުރުވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ އޮފީހުން ސިފަކުރެއެވެ.

އަރަބންނާއި މުސްލިމު ވެރިން މިމައްސަލާގައި ހިމޭނުން ތިބުމުން އެކަމަވެސް ވަނީ ފާޑު ކިޔާފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން އަޅަމުންދާ މި ފިޔަވަޅުތަކަކީ ހަމައެކަނި ސަލާމަތީ ސަބަބުތަކަށްޓަކައި އަޅާ ވަގުތީ ފިޔަވަޅުތަކެއް ނޫނެވެ.

"މިއީ މަސްޖިދުލް އަޤްޞާގެ ދީނީ، ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށްޓަކައި ސިޔާސީ އަދި އައިޑިއޮލޮޖިކަލް މަގުސަދެއްގައި ހިންގާ ރޭވުންތެރި އަމަލުތަކެއް،" ގުދުސްގެ ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ހާލަތާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާއިރު، މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އަޤްޞާ މިސްކިތުގެ ހުރުމަތް ކެނޑުމަށް ސިލްސިލާކޮށް ޔަހޫދީން ހިންގާ އެންމެ ބޮޑު އެއް އަމަލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހިއްސާ ކުރައްވާ!