ޓްރަމްޕް ސަރުކާރުން ޓިކްޓޮކް ޑީލުން 10 ބިލިއަން ޑޮލަރުގެ 'ފީ' އެއް ހޯދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޓިކްޓޮކްގެ އެމެރިކާ ގޮފީގެ ވިޔަފާރި ހަމަޖައްސައިދިނުމުގެ ބަދަލެއްގެ ގޮތުން 10 ބިލިއަން ޑޮލަރުގެ ބޮޑު 'ފީ' އެއް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އާއި ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފައިސާއަކީ ޓިކްޓޮކް އެމެރިކާގައި ހިންގުމުގެ ހުއްދަ ދިނުމަށް އިންވެސްޓަރުންނާއެކު ހެދި އެއްބަސްވުމުގެ ދަށުން ޓްރަމްޕަށް ލިބޭ ފައިސާއެވެ.

މި އެއްބަސްވުމުގެ ދަށުން އޮރެކަލް، ސިލްވަރ ލޭކް އަދި އަބޫދާބީގެ އެމްޖީއެކްސް ފަދަ ކުންފުނިތަކުން ވަނީ ޖެނުއަރީ 2026 ގެ ކުރިން އެމެރިކާގެ ޓްރެޜަރީއަށް ޖުމްލަ 10 ބިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފައެވެ. މީގެ ތެރެއިން 2.5 ބިލިއަން ޑޮލަރު މިހާރު ދައްކާފައިވާއިރު، ބާކީ ބައި ބަހާލައިގެން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޑީލްގެ ދަށުން އުފެއްދި 'ޓިކްޓޮކް ޔޫއެސްޑީއެސް' އަކީ އެމެރިކާގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސަރުކާރުގެ އޮފިޝަލުން މި ފައިސާ ދިފާއުކުރަމުން ބުނެފައިވަނީ، މިއީ ޗައިނާ އާއި އެމެރިކާގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް ޓްރަމްޕް ސީދާ ކުރެއްވި މަސައްކަތުގެ އުޖޫރައެއް ކަމަށެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އާންމުކޮށް ސަރުކާރުތަކުން ކަންކަން ކުރާ އުސޫލެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ ބާރު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް ހިންގާ 'ކިކްބެކް' ނުވަތަ ކޮމިޝަން ނެގުމުގެ އަމަލެއްގެ ގޮތުގައެވެ.

އެމެރިކާގައި މިފަދަ ކަންކަމަށް 'ލޮބީ ކުރުން' ފަދަ ތަފާތު ނަންތައް ދީފައިވީ ނަމަވެސް، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ނަގާ ބޮޑު ކޮމިޝަނެކެވެ. އެ ގައުމުގައި މިފަދަ ކަންކަމަށް ރިޝްވަތުގެ ނަން ދިނުމަކީ އަބުރުގެ ދައުވާ ކުރެވިދާނެ ކަމެއް ކަމަށްވާތީ، މިފަދަ 'ޑީލް' ތަކަށް ގާނޫނީ ސިފަ ޖެއްސުމަށް ތަފާތު ނަންތައް ބޭނުންކުރެއެވެ.

ނައިބު ރައީސް ޖޭޑީ ވެންސްގެ ބަޔާންތަކަށް ބަލާއިރު، މި އާ ކުންފުނީގެ އަގަކީ 14 ބިލިއަން ޑޮލަރެވެ. އެހެންކަމުން ސަރުކާރުން ނަގާ 10 ބިލިއަން ޑޮލަރަކީ ކުންފުނީގެ އަގުގެ ގާތްގަނޑަކަށް 70 އިންސައްތައެވެ. މިއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެޕްލިކޭޝަން ބޭން ކުރާނެ ކަމުގެ ބިރު ދައްކައިގެން، ޓްރަމްޕްގެ އަރިސް ބޭފުޅުންނަށް މަންފާ ހޯދައިދިނުމަށް ހިންގި އަމަލެއް ކަމަށް މީޑިއާ ސިފަކުރެއެވެ.

މި މުއާމަލާތާ ގުޅޭގޮތުން އެޕްޓީން ގޭންގުން ނުވަތަ ވައިޓް ހައުސްއިން އަދި ކްޓޮކްއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިކަމުން ހާމަވަނީ އެމެރިކާ ސަރުކާރުގެ ސިޔާސަތުތައް ބޮޑެތި ވިޔަފާރި މުއާމަލާތްތަކާ މަސްހުނިވެފައިވާ މިންވަރވެ.

ހިއްސާ ކުރައްވާ!