އާޓިފިޝަލް އިންޓެލިޖެންސްއާއެކު ބޭސް އުފެއްދުމުގެ ދާއިރާގައި އިންޑިއާގެ ދައުރު ފުޅާވަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބޭސް އުފެއްދުމުގެ މަސައްކަތް ހަލުވިވަމުންދިއުމުން އިންޑިއާގެ ބަޔޯޓެކްނޮލޮޖީ ދާއިރާއަށް އާ ކުރިއއެރުމެއް ލިބިއްޖެއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރާ ގޮތުގައި، އިންޑިއާގައި ހުރި ސައިންޓިފިކް ހުނަރާއި އެ ގައުމުގެ އާބާދީގެ އޮނިގަނޑުގެ ސަބަބުން، ދުނިޔޭގެ ފާމަސޫޓިކަލް އީޖާދުތަކުގެ މައި ހަބަކަށް ވުމުގެ ފުރުސަތު އިންޑިއާއަށް ލިބިފައި ވެއެވެ.

ދުނިޔޭގައި ބޭނުންކުރާ ޖެނެރިކް ބޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ މިހާރުވެސް އުފައްދަނީ އިންޑިއާއިންނެވެ. ނަމަވެސް އޭއައިގެ އެހީގައި ކުރިއަށްދާ ދިރާސާތަކާއެކު، ހަމައެކަނި ބޭސް އުފެއްދުމުގެ ބަދަލުގައި އާ ބޭސްތައް ހޯދައި ފަރުމާކުރުމުގެ މަސައްކަތަށް މިހާރު ވަނީ ބޮޑު ބަދަލެއް އަންނަން ފަށާފައެވެ.

ޒަމާނީ ބޭސް އުފެއްދުމުގައި ތިން މަރުހަލާއެއް ފާހަގަކުރެވެއެވެ. އެއީ ބަލިތައް ޖެހެން މެދުވެރިވާ ޖެނެޓިކް ސަބަބުތައް ދެނެގަތުމާއި، ފަރުވާދޭނެ މޮލިކިއުލްތައް ފަރުމާކުރުމާއި، އަދި އެންމެ ގިނަ ވަގުތާއި ހޭދަ ހިނގާ ޓެސްޓް ތަކާއި ކްލިނިކަލް ޓްރަޔަލްތައް ހިންގުމެވެ.

އާންމުގޮތެއްގައި ބޭހެއް ތައްޔާރުކޮށް ހުއްދަ ލިބުމާ ހަމައަށް ދިހަވަރަކަށް އަހަރު ހޭދަވެއެވެ. ނަމަވެސް އޭއައި ޓޫލްތަކުގެ އެހީގައި މި މުއްދަތު ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. އޭއައިގެ ސަބަބުން ބަލިތަކަށް އަމާޒުކޮށްގެން ފަރުމާކުރާ ބޭސްތައް މާ އަވަހަށް އަދި މާ ފުރިހަމައަށް ދެނެގަނެވެއެވެ.

އިންޑިއާގައި ތިބި ގިނަ އަދަދެއްގެ އިންޖިނޭރުންނާއި، ޑޭޓާ ސައިންޓިސްޓުން އަދި ބަޔޯޓެކް ދާއިރާގެ ތައުލީމީ ޒުވާނުންގެ ސަބަބުން އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑު އަދި ތަފާތު ޖެނެޓިކްސް އެކުލެވޭ އާބާދީއަކީ ކްލިނިކަލް ދިރާސާތައް ފުޅާދާއިރާއެއްގައި ހިންގުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ޒަމާނުއްސުރެ "ދުނިޔޭގެ ބޭސްފިހާރަ"ގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާ، މިހާރު މިސްރާބު ޖަހާފައިވަނީ ހަމައެކަނި ބޭސް އުފައްދާ ގައުމެއްގެ ބަދަލުގައި، އާ ބޭސްތައް އީޖާދުކުރާ ދުނިޔޭގެ މައި މަރުކަޒަކަށް ވުމަށެވެ.

ހިއްސާ ކުރައްވާ!