އެމެރިކާގެ މަޝްހޫރު ކޮމެންޓޭޓަރު ޓަކަރ ކާލްސަން، ހައްޔަރު ކުރުމަށް ސީއައިއޭއިން މަސައްކަތް ކުރާ ކަމަށް އޭނާ ބުނެފިއެވެ. ކާލްސަން ބުނާ ގޮތުގައި ސީއައިއޭ އިން ވަނީ އޭނާގެ ފޯނު މެސެޖުތައް މޮނިޓަރކޮށް، އީރާނަށް ތާއީދު ކުރާ މީހުންނއެކު އޭނާ ބޭއްވި ބައްދަލުވުންތަކާ ގުޅިގެން ބޭރު ގައުމުތަކަށް މަސައްކަތް ކޮށްދޭ މީހުންނާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަށް ތައްޔާރުވަމުންނެވެ.
އެކްސް ގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ކާލްސަން ބުނެފައިވަނީ، އިންޓެލިޖެންސް އޮފިޝަލުން އޭނާގެ މެސެޖުތައް ބަލާފައިވަނީ "އީރާނާއެކު ހަނގުރާމަ ފެށުމުގެ ކުރިން" ކަމަށެވެ. އަދި އެ މެސެޖުތަކުގެ މައްޗަށް ބިނާކޮށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ މައްޗަށް ކުރަން އުޅޭ ދައުވާއަކީ، ރަޖިސްޓްރީނުކޮށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމުގެ ދައުވާއެވެ.

ބޭރު ގައުމެއްގެ މަސްލަހަތުގައި އެމެރިކާ ސަރުކާރަށް ނުފޫޒު ފޯރުވައި ކަންކަން ނިންމުމަށް ފަހި ކުރުމަށް (ނުސީދާކޮށް ބުނާނަމަ މަސްއޫލުވެރިންނަށް ރިޝްވަތު ދިނުމަށް) މަސައްކަތް ކުރާނަމަ އެފަދަ މީހަކު ބޭރު ފަރާތަކުން ފައިސާ ލިބޭ ކަމަށް ބުނެ އެމީހާ އެމެރިކާ އެމެރިކާ ސަރުކާރުގައި އޮންނަ ދަފްތަރެއްގައި ރަޖިސްޓްރީ ވާން ޖެހެއެވެ.
ކާލްސަން އަކީ ޓްރަމްޕާއި އެމެރިކާގެ އުދުވާނީ ސިޔާސަތާއި ހަންފެތުރުމާއި އެޕްސްޓީން ގޭންގްގެ މުއާމަލާތްތަކުގައި އެމެރިކާގެ ސިޔާސީ މަސްރަހާއި ބޭރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. ކާލްސަން ބުނާ ގޮތުގައި އޭނާއާ ދެކޮޅަށް ސައުވާ ކުރުމަށް ޓްރަމްޕް ސަރުކާރުން އުފައްދާފައިވާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ލިޔެކިޔުމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ސިފަކުރި ގޮތުގައި މި އަމަލަކީ ސިޔާސީ މަގްސަދެއްގައި އޭނާގެ ފަސްފަހަތުން ފާރަލުމުގެ ގޮތުން ހިންގާ ކަމެކެވެ.
ކާލްސަން މި ތުހުމަތުތައް ކޮށްފައިވަނީ އެމެރިކާއިން ޒަހުޔޫނީންނާ ގުޅިގެން އީރާނަށް ޓެރަރިސްޓް ހަމަލަތަކެއް ދީ އެގައުމުގެ ސްކޫލުތަކާއި ބެސްގުދަންތަކާއި ހަސްފަތާލުތަކަށް ބޮން އަޅަމުންދާ ދަނޑިވަޅެއްގައެވެ. އަދި އާންމުން ބޭރުގެ ފަރާތްތަކާއެކު ބާއްވާ ގުޅުންތަކަށް ސަރުކާރުން ޖާސޫސްކުރުން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް ސީއައިއޭ އިން މި ތުހުމަތުތަކާ ގުޅިގެން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކާލްސަން އަކީ މީގެ ކުރިންވެސް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި މި އިދާރާތަކުން ދަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންނެވެ.






