ދުނިޔޭގެ ބްރެއިލް ދުވަހުގެ މުނާސަބަތުގައި، ލޯފަން ފަރާތްތަކުގެ ޙައްޤުތަކާއި އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެސެޖެއް ދެއްވައިފިއެވެ.
މިއަދު މީސްމީޑިއާގެ މަންސަ "އެކްސް" މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބްރެއިލްއަކީ ލޯފަން ފަރާތްތަކަށް އުނގެނުމުގެ ދޮރުތައް ހުޅުވައިދީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި އިއްޒަތްތެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭ ބާރުގަދަ ވަސީލަތެއް ކަމަށެވެ.
ޝާމިލު މުޖުތަމަޢެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހަގީގީ ޝާމިލު މުޖުތަމަޢަކީ އެއްވެސް ހުރަހެއް ނެތި، އެންމެނަށް މަޢުލޫމާތާއި ފުރުޞަތުތަކަށް ވާސިލުވެވޭނެ މާޙައުލެއް އޮތް މުޖުތަމައެއް ކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އޯގާތެރިކަމާއި ޝާމިލުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، އެއްވެސް މީހަކު ބާކީ ނުވާނެހެން، ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން ކަންކަމަށް ވާސިލުވެވޭނެ ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އެމަނިކުފާނު މިއަދު އަލުން ކަށަވަރުކޮށްދެއްވިއެވެ.
ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ ބްރެއިލް ނިޒާމު އީޖާދުކުރި ލޫއީ ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެން، ލޯފަން ފަރާތްތަކަށް މުވާޞަލާތު ކުރުމުގައި ބްރެއިލްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

