އިކުއެޓޯރިއަލް ގިނީގެ ރަސްމީ ވެރިރަށަކީ މިހާރު މަލާބޯގެ ބަދަލުގައި ޖިބްލޯހޯ ޕްރޮވިންސްގައި އޮންނަ ސިއުދާދު ޑެލަ ޕާޒް ކަމަށް އެގައުމުގެ ރައީސް "ތިއޯޑޯރޯ އޮބިއަންގް އެންގުއެމާ އެމްބަސޯގޯ" ހޮނިހިރު ދުވަހު ނެރުއްވި ރިޔާސީ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.
ސްޕެނިޝް ބަހުން "އަމާންކަމުގެ ސިޓީ" ގެ މާނަ ދޭހަވާ ސިއުދާދު ޑެލަ ޕާޒް ވެރިރަށަކަށް ހެދުމުގެ މަސައްކަތަކީ 2008 ވަނަ އަހަރުން ފެށިގެން ރައީސް އެމްބަސޯގޯގެ ބެއްލެވުމުގެ ދަށުން ރާވާފައިވާ ކަމެކެވެ. މީގެ ކުރިން ވެރިރަށުގެ ގޮތުގައި އޮތް މަލާބޯ އަކީ އެގައުމުގެ މައި ބިމާ ވަކިން އޮންނަ ބިއޯކޯ އައިލެންޑްގައި އޮންނަ ސިޓީއެކެވެ.
ވެރިކަމުގައި 47 އަހަރު ހޭދަކުރައްވާފައިވާ ރައީސް އެމްބަސޯގޯ ވިދާޅުވި ގޮތުގައި، ގައުމުގެ މައި ބިމުގެ ޖަންގަލިތަކުގެ މެދުގައި އޮންނަ ސިޓީއަކަށް ވެރިރަށް ބަދަލުކުރުމަކީ ސްޓްރެޓީޖިކް ގޮތުން ނިންމެވި ނިންމެވުމެކެވެ. މި އާ ސިޓީއަށް ޖިބްލޯހޯ ނުވަތަ އޮޔާލާގެ ނަމުން ވެސް ކިޔައި އުޅެއެވެ.
ރިޔާސީ ގަރާރުގައިވާ ގޮތުން، ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ދުސްތޫރީ އިދާރާތަކާއި، ގާނޫނީ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެޖެންސީތަކާއި ކުންފުނިތައް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އާ ވެރިރަށަށް ބަދަލުވާން ޖެހޭނެއެވެ. ނަމަވެސް، ބޭރު ގައުމުތަކުގެ އެމްބަސީތައް ބަދަލުކުރުމާ ގުޅޭގޮތުން އެ ގަރާރުގައި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިއުދާދު ޑެލަ ޕާޒް އޮންނަ ސަރަހައްދަކީ ވެރިރަށް ގާއިމުކުރުމަށް އެންމެ އެކަށީގެންވާ ތަން ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން "ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި، އިދާރީ ހިންގުން ޒަމާނީ ކުރުމަށާއި، ތަރައްގީގެ ދާއިރާތައް ފުޅާކޮށް ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް މަގުފަހިވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ވެރިރަށް މަލާބޯ އާއި އިގްތިސާދީ މަރުކަޒު ބާޓާ އަށް މީހުން ހިޖުރަކުރުން އިތުރުވެ، އެ ސިޓީ އިންތިހާއަށް ތޮއްޖެހެމުން ދިއުމަކީ ވެސް ވެރިރަށް ބަދަލުކުރަން ޖެހުނު އެއް ސަބަބު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.








