އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ ބެހޭގޮތުން ކުރެވޭ ބަހުސްތަކުގެ ނިވަލުގައި، އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ނަސްލީ ނަފުރަތު ފެތުރުން އިތުރުވަމުންދާ ކަމަށް 'ނެޓްވޯކް ކޮންޓޭޖިއަން ރިސާޗް އިންސްޓިޓިއުޓް' (އެންސީއާރުއައި) އިން ހާމަކޮށްފިއެވެ. ޔުނިވަރސިޓީ އޮފް މިއާމީއާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންޑިއާ މީހުންނާ މެދު ނަސްލީ ތަފާތު ކުރުމުގެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ތެރޭގައި އެކްސްގައި އިންޑިއާ މީހުންނާ ދެކޮޅަށް ކުރާ ޕޯސްޓުތައް ވަނީ ތިން ގުނަ އިތުރުވެފައެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި މިއީ އާންމުންގެ މެދުގައި އުފެދިފައިވާ ގުދުރަތީ ޝުއޫރުތަކެއް ނޫނެވެ. މިއީ ހުދު ނަސްލުގެ މީހުންގެ މަތިވެރިކަން ގަބޫލުކުރާ ހަރަކާތްތަކާ ގުޅުން އޮންނަ ކުޑަ ނެޓްވޯކަކުން ރާވައިގެން ހިންގާ ކަމެކެވެ. މިގޮތުން އެކްސްގައި ހުރި 24,000 އަށްވުރެ ގިނަ ޕޯސްޓުގެ ތެރެއިން 10 އިންސައްތަ ލައިކްސް އަދި 20 އިންސައްތަ ރީޓުވީޓް ހިއްސާކޮށްފައިވަނީ އެންމެ ތިން އެކައުންޓަކުންނެވެ. އެޗް-1ބީ ވިސާއަށް ގެނެވޭ ބަދަލުތަކާ ގުޅިގެން މިފަދަ ނަފުރަތުގެ ޕޯސްޓުތައް އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އިންޑިއާ ދަރިކޮޅުގެ މަޝްހޫރު ފަރާތްތަކަށް އަމާޒުކޮށްގެންވެސް މިފަދަ ހަމަލާތައް ދަނީ ދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ކޮންގްރެސް މެންބަރުން ކަމަށްވާ ޝްރީ ތާނޭދާރު އަދި ޕްރަމީލާ ޖަޔަޕާލްގެ އިތުރުން، ވިޔަފާވެރިޔާ ވިވެކް ރާމަސްވާމީ އަދި ސެކަންޑް ލޭޑީ އުޝާ ވެންސް ހިމެނެއެވެ. މި ހަމަލާތައް މިހާރު ވަނީ އޮންލައިން މަންސަތަކުން ބޭރަށް ނުކުމެ، ހިންދޫ ފައްޅިތަކަށާއި ޓެކްނޮލޮޖީ އޮފީސްތަކުގެ ބޭރުގައި މުޒާހަރާ ކުރުމާ ހަމައަށް ގޮސްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާ ދަރިކޮޅުގެ މީހުންނަކީ އެމެރިކާގައި އެންމެ ކާމިޔާބުކަމާއެކު ދިރިއުޅެމުންދާ އެއް މުޖުތަމައެވެ. އެމީހުންނަކީ އެމެރިކާގައި އެންމެ އާމްދަނީ މަތި، ތައުލީމީ ފެންވަރު ރަނގަޅު އަދި އިގްތިސާދީ ގޮތުން ބޮޑު ހިއްސާއެއްވާ ބައެކެވެ. އެހެންކަމުން، ސިޔާސީ ބަހުސްތަކުގެ ތެރެއިން މުޅި ނަސްލަކަށް އަމާޒުކޮށް ނަފުރަތު ފެތުރުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ދިރާސާވެރިން ސިފަކުރެއެވެ.
މިފަދަ ހަރުކަށި ފިކުރުތައް އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތަކުގައިވެސް ފެންނަމުންދާ ކަމަށް ރިސާޗަރުން އިންޒާރު ދެއެވެ. އެހެންކަމުން، ނަފުރަތު ފެތުރުމަށް ބޭނުންކުރާ 'ކޯޑް' ބަސްތައް ދެނެގަތުމާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތައް މިކަމަށް ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށް އެންސީއާރުއައި އިން ލަފާދެއެވެ. ސިޔާސީ ބަހުސްތަކުގެ ތެރޭގައި ނަސްލީ ނަފުރަތު އާންމުވުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބުނެއެވެ.







