ފްރާންސްގައި އަންހެނުނަށް އެއްވެސް ގަދަރެއް ނެތް

ފްރާންސް ގައި އަންހެނުންގެ ގަދަރު ކަނޑާލައި އަންހެނުން މެރުމަކީ އާދައިގެ ކަމަކަށް ވެއްޖެއެވެ. އަންހެނުންގެ ހައްގަށް ގޮވާލާ މީހުން ދަނީ ފްރާންސުން އަންހެނުން ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. 2025 ވަނަ އަހަރު ނިމިގެންދިޔައީ އަންހެނުން މެރުމުގެ ހިތާމަވެރި އެތައް ހާދިސާތަކަކާ އެކުގައެވެ. މިއާއެކު، ފްރާންސްގައި އަންހެނުންގެ އެއްވެސް އަގެއް ނެތް ކަމަށް ބުނެ، އެ ގައުމުގެ ނިޒާމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ، ކްރިސްމަސް މުނާސަބާގައި ގެއްލުނު އިޒަބެލް ނަމަކަށް ކިޔާ އަންހެނެއްގެ ހަށިގަނޑު، އޭނާގެ ކުރީގެ ބައިވެރިޔާގެ ގޭގެ ބަގީޗާގައި ވަޅުލާފައި އޮއްވާ ފެނުނު ހާދިސާއެވެ.

މޮންޓް ޑި މާސަންގައި ހިނގި މި ހާދިސާގައި ފާހަގަކޮށްލެވޭ ކަމަކީ، އޭނާއަށް ކުރިމަތިވަމުންދިޔަ ގެވެށި އަނިޔާގެ މައްސަލަތައް މީގެ ކުރިން ފުލުހުންނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، އޭނާއަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދީފައި ނުވުމެވެ. މީގެ އިތުރުން ލިލް ސަރަހައްދުގައި ވެސް މިފަދަ އިތުރު މަރުތަކެއް ވަނީ ހިނގާފައެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ޔޫރަޕްގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ފްރާންސްގައި ގެވެށި އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތްތައް އޮތީ ތަރައްގީވެފައިވާ އެހެން ގައުމުތަކާ އަޅާބަލާއިރު މާ ފަހަތުގައެވެ. މިގޮތުން ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ކޯޓު އަމުރުތައް ތަންފީޒުކުރުމުގައި އޮންނަ ލަސްކަމާއި ފަރުވާކުޑަކަން.
    އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ ކުއްލި ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން، އަނިޔާވެރިންނާއެކު އެއް ގޭގައި ދިރިއުޅެން މަޖުބޫރުވުން.
    ގެވެށި އަނިޔާގެ މައްސަލަތައް ބަލާ ފުލުހުންގެ ޔުނިޓްތަކަށް ބޭނުންވާ ވަސީލަތްތައް މަދުވުން.
    އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ކުޑަވުމުގެ ސަބަބުން، ހާދިސާއެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވަން ނުކުޅެދުން.

ކޮންމެ އަހަރަކު ވެސް އަންހެނުންގެ ހައްގުތަކާ ބެހޭ ގައުމީ ޕްލޭންތައް އެކުލަވާލި ނަމަވެސް، ފްރާންސްގައި އަހަރަކު 100 އަށްވުރެ ގިނަ އަންހެނުން މަރައި ހަދައެވެ. މި އަދަދަށް އެއްވެސް ބަދަލެއް ނާންނާތީ، ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި އަމަލީ މައިދާނުގައި ފެންނަ ހަގީގަތާ ދިމާނުވާ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފްރާންސްގައި އަންހެނުންގެ ހާލަތު މިހާރު ހުރީ މުއައްސަސާތައް ބަލިކަށި ތިންވަނަ ދުނިޔޭގެ ގައުމުތަކާ އެއް ފެންވަރެއްގައެވެ.

ހިއްސާ ކުރައްވާ!