ހުރިހައި ކަމެއް ހިނގަނީ އެމެރިކާ ބޭނުންވާ ގޮތަކަށެއް ނޫން!

އެމެރިކާއަކީ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ބާރުގެ ގޮތުގައި ދައުވާކުރިއަށް އެމެރިކާއަށްވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭ ކަންކަން ހުރެއެވެ. ވައިޓްހައުސްގައި ހުންނަވާ ބޭފުޅަކީ ދުނިޔޭގެ ކަންކަން ނިންމުމުގައި ފަހަރު މި ޒަމާނުގެ 'ފިރުއައުނެއް' ފަދައިން އުޅުއްވާ ބޭފުޅެއް ކަމަށް މީޑިއާއިން ދައްކައެވެ. ނަމަވެސް، ޙަޤީޤަތަކީ ހުރިހައި ކަމެއް ހިނގަމުންދަނީ އެމެރިކާ ބޭނުންވާ ގޮތަކަށް ނޫން ކަމެވެ.

ތަޤްވާވެރިންނާއި ވަލީވެރިންނަށް އެކަލާނގެ ހިމާޔަތާއި ނަޞްރު ދެއްވައެވެ. މިއީ ދުނިޔޭގެ ތާރީޚުން ފެންނަން އޮތް ބޮޑު ޙަޤީޤަތެކެވެ. އެމެރިކާ ފަދަ ޖައްބާރު ބާރުތަކުން ބިރުދެއްކި ނަމަވެސް، އީމާންތެރިކަން ވަރުގަދަ މީހުންނަށް އެ ބާރުތަކުގެ ކުރިމަތީގައި ބިރެއް ނެތެވެ. ސުންނީ މުސްލިމުންގެ ތެރެއިން ވިސްނާ ބަޔަކަށް މިކަންކަމުން ލިބޭނެ އެންމެ ބޮޑު އިބުރަތަކީ ކޮންމެ ކަމެއްގެ ނިމުން އޮތީ މާތްﷲ ގެ އަތްޕުޅުގައި ކަމެވެ.

މިކަމުގެ އެންމެ އަލިގަދަ އެއް މިސާލަކީ އަފްޣާނިސްތާނުގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ ވާހަކައެވެ. 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ވެއްޓުމާއެކު، އެމެރިކާއިން އެންމެ ބޮޑަށް ހޯދަން ބޭނުންވި މީހަކީ މުއްލާ އުމަރެވެ. އޭނާ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް އޭނާގެ ޝަރީއަތް ކޮށް މުސްލިމުން އިހާނާތްތެރިކޮށްލުމަކީ އެމެރިކާއިން ދުނިޔެއަށް ދައްކަން ބޭނުންވި މަންޒަރެވެ.

އޭނާ ހޯދައިދިން މީހަކަށް އެތައް މިލިއަން ޑޮލަރެއްގެ އިނާމެއް ވެސް އެމެރިކާއިން އިޢުލާން ކުރިއެވެ. މުޅި ދުނިޔެ ހީކުރީ އޭނާ އަފްޣާނިސްތާނުން ބޭރަށް ފިލައިގެން ގޮސްފި ކަމަށެވެ. އެމެރިކާގެ އެންމެ ޒަމާނީ ޖާސޫސީ އިދާރާތަކުން އަހަރުތަކެއް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔައެވެ. އެކަމަށް މިލިއަނުން ޑޮލަރު ކަނޑައަޅާފައިވާ ޚާއްސަ ޔުނޓްތައް ހަރަކާތްތެރިވިއެވެ.

ނަމަވެސް ފަހުން ހާމަވި މަޢުލޫމާތުތަކުން އެނގުނު ގޮތުގައި، މުއްލާ އުމަރު ހުންނެވީ އެންމެން ހީކުރި ވަރަށްވުރެ އެމެރިކާ ސިފައިންނާ މާ ގާތުގައެވެ. އޭނާ ދިރިއުޅުއްވީ އަފްޣާނިސްތާނުގެ އަވަށްތަކުގެ ސާދާ ޖިފުޓިތަކުގައެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކީ، އެމެރިކާގެ އަސްކަރީ މަރުކަޒަކާ ވަރަށް ކައިރީގައި ހުރި މަށިން ހަދާފައިވާ ކުދަ ކުޑަ ގެއެއްގައި އޭނާ އެތައް އަހަރެއް ވަންދެން އުޅުއްވި ކަމެވެ. އެމެރިކާގެ މަތިންދާބޯޓުތައް އޭނާ ހޯދުމަށް މުޅި ޤައުމުގެ މަތީގައި އުދުހެމުން ދިޔައިރު، އޭނާ ދުނިޔޭގެ ޚަބަރުތައް ބައްލަވަމުން ގެންދެވީ އާދައިގެ ރޭޑިއޯއަކުންނެވެ.

މުއްލާ އުމަރު 2013 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް، ގާތްގަނޑަކަށް 12 އަހަރު ވަންދެން އެމެރިކާއަށް ހިލަމެއް ނުވެ އޭނާ ދިރިއުޅުއްވަމުން ގެންދެވިއެވެ. އޭނާ އަވަހާރަވި ޚަބަރުވެސް ދުނިޔެއަށް އެނގުނީ، އޭނާ އަވަހާރަވިތާވެސް އެތައް އަހަރެއް ފަހުންނެވެ.

މިއީ ޒަމާނީ ތާރީޚުގައި ފެންނަން އޮތް ވަރަށް އަޖައިބު ކުރުވަނިވި ވާހަކައެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާތަކަށް އޭނާ ހޯދައިނުގަނެވުމުން ސާބިތުވަނީ، އެމެރިކާ ބާރުގަދަވެފައި ކިތަންމެ ބާރެއް ދެއްކިޔަސް، ކަންކަން ހިނގާނީ އިލާހީ ތަދުބީރުގައިވާ ގޮތަށް ކަމެވެ. އެހެންކަމުން، އެމެރިކާއަކީ ހުރިހައި ކަމެއްގެ މައްޗަށް ބާރުފޯރުވޭނެ ފަރާތެއް ނޫންކަން މި ހާދިސާއިން އެކަނިވެސް ސާބިތުވެއެވެ.

ހިއްސާ ކުރައްވާ!