މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަޝްރޫޢު ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. ޓްރަސްޓެންގް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ.
މި މަޝްރޫޢަކީ ޖުމްލަ 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން ތިންލައްކަ ފަންސަސް ނުވަހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރި) ގެ މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާކެޓް ކޮމްޕްލެކްސްގެ ތަފްޞީލު
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާނީ ހަ ފަންގިފިލާގެ ކޮމްޕްލެކްސްއެކެވެ. މި އިމާރާތުގައި ބޭސްމެންޓަކާއި ޕާކިންގް އޭރިއާއެއް ހިމެނޭނެއެވެ. އިމާރާތުގެ ފަންގިފިލާތައް ބެހިފައިވާ ގޮތަށް ބަލާއިރު:
- ގްރައުންޑް ފްލޯ: މަސް މާރުކޭޓެއް ތަރައްޤީކުރުން
- ދެވަނަ އަދި ތިންވަނަ ފްލޯ: ތަރުކާރީ މާރުކޭޓު
- ހަތަރުވަނަ ފްލޯ: ހަތަރު ފުޑް ކޯޓު ހިމެނޭ ސަރަޙައްދު
މި އިމާރާތް ތަރައްޤީ ކުރަނީ މިހާރުގެ ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތައް ވެސް މިއަދު ވަނީ އާންމުކޮށްފައެވެ. މި ޒަމާނީ އިމާރާތާއެކު މާލޭގެ މަލަމައްޗަށް ބޮޑު ފުރިހަމަކަމެއް އަންނާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.




