ފެންނަ ނުފެންނަ ވޯޓަކީ މަޖިލީހުގެ ނިޒާމީ މައްސަލަތަކަށް އޮތް ހައްލެއް: ދިޔާނާ ސައީދު

"މި ރިފަރެންޑަމް އިން މަސައްކަތް ކުރަނީ އެކަމަށް ހައްލެއް ހޯދުމަށް،" ދިޔާނާ ސައީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވެރިން ރައްޔިތުންގެ ގާތަށް އައުން މަދުކުރުމަށް ޖަހާ "ޗައްކަރެއް" ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ. ދިޔާނާ މިފަދައިން ވިދާޅުވީ އެކްސްގައި މީހަކު ކުރި ޕޯސްޓަކާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ދިޔާނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުން ފަހިކުރުމަށްޓަކައި ރާއްޖޭގެ ހިންގުން ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން ލާމަރުކަޒީ ކުރެވިފައި ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި، ބާރުތައް ދޫކޮށްލެވި، ވުޒާރާތަކާ ދެމެދު ފާލަން އެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ އަޑު ވަގުތުން އިވޭނެ އެތައް ވަސީލަތެއް މިހާރު ގާއިމުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތެއްގައި ވަކާލާތުކޮށްދޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މަޖިލީހެއް މިހާރު އޮތް އިންތިޚާބީ ނިޒާމުގެ ތެރެއިން ލިބިނުގަނެވި އޮތުން ކަމަށް ދިޔާނާ ވިދާޅުވިއެވެ. "މި ރިފަރެންޑަމް އިން މަސައްކަތް ކުރަނީ އެކަމަށް ހައްލެއް ހޯދުމަށް،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ، ފެންނަ ނުފެންނަ ވޯޓަކީ ވެރިން ރައްޔިތުންގެ ގާތަށް އައުން މަދުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް ދައްކާ ވާހަކަތަކަކީ ގަބޫލުކުރަން ދަތި ވާހަކަތަކެއް ކަމަށް ފާހަގަކުރައްވަމުންނެވެ. އޭނާގެ ވާހަކައިގައި ބޮޑަށް ބާރުއަޅުއްވާފައިވަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!