އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި ބައްދަލުކުރައްވައިފިއެވެ. މި ބއްދަލު ކުރެއްވުމުގައި ޔޫރަޕުން ވަނީ ހުރުމުޒުު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސްތަކަށް އިންކާރު ކުރައްވައިފިއެވެ.
- ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފުލް ހޯމަ ދުވަހު ވިދާޅުވީ، މި ހަނގުރާމައިގެ ތެރޭގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ އެއްވެސް ގަސްދެއް ޖަރުމަންގެ ނެތް ކަމަށެވެ. "އެކަމުގެ ސާފު ތަސްވީރެއް ލިބުމުން، އަޅުގަނޑުމެން ގަބޫލުކުރަނީ ދެން އޮތް މަރުހަލާއަށް ދާންޖެހޭ ކަމަށް. އެއީ އަވަށްޓެރި ގައުމުތަކާ ގުޅިގެން މުޅި މި ސަރަހައްދުގެ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ގަލްފުގެ މުހިންމު ކަނޑުގެ މަގު ރައްކާތެރިކުރުމަށްޓަކައި ހަނގުރާމަމަތީ އުޅަނދުތައް ފޮނުވުމަށް ކަނޑުގެ އިއްތިހާދެއް އުފެއްދުމަށް އާދީއްތަ ދުވަހު ޓްރަމްޕް ގޮވާލެއްވި އެވެ.

ނަމަވެސް، ހުރުމުޒް ކަނޑުއޮޅިއާ ބެހިގެން ހަނގުރާމަ ކުރުމާ މެދު ނޭޓޯއިން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ވަޑެފުލް އިތުރަށް ވިދާޅުވިއެވެ.
ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން މި ކަނޑުއޮޅި ވަނީ ބަންދުވެފައެވެ. އީރާނުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ބޭޏުންކޮށްގެން ރައްދު ދިފާއީ ހަމަލާތައް ދީފައެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ކަނޑުގެ މަގު ރައްކާތެރިކުރުމަށް ޓްރަމްޕް ގައުމުތަކަށް ކުރެއްވި ގޮވާލުމަށް ޔޫރަޕްގެ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.
- ގްރީސް ސަރުކާރުގެ ތަރުޖަމާނު ޕަވްލޮސް މަރިނާކިސް ހޯމަ ދުވަހު ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅީގައި ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި ގްރީސްއިން ބައިވެރި ނުވާނެ ކަމަށެވެ.
- އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ، އެ ސަރަހައްދަށް ފުޅާކުރެވިދާނެ ފަދަ އެއްވެސް ކަނޑުގެ މިޝަނެއްގައި އިޓަލީ ބައިވެރިވެފައި ނުވާ ކަމަށެވެ.
- ޑެންމާކުގެ ޚާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމައަށް ދިއުމަށް އެމެރިކާ އާއި އިސްރާއީލުން ނިންމި ނިންމުމަށް ޔޫރަޕުން ތާއީދު ނުކުރި ނަމަވެސް، ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އެހީތެރިވުމާ މެދު ޔޫރަޕުން ހުޅުވާލެވިފައިވާ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށެވެ.
- އިނގިރޭސިވިލާތުން ބުނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައި، މެދުއިރުމަތީގައި ދަތުރުފަތުރުގެ މިނިވަންކަން އިއާދަކުރުމަށް ގުޅިފައިވާ ޕްލޭނަކަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
- ފަރަންސޭސިވިލާތުން ލަފާދީފައިވަނީ ރެޑްސީގައި ޔަމަނުގެ ހޫސިންގެ ހަމަލާތަކުން އުޅަނދުތައް ހިމާޔަތްކުރުމަށް 2024 ވަނަ އަހަރު އުފެއްދި ކުޑަ ކަނޑުގެ މިޝަނެއް ކަމަށްވާ 'އެސްޕައިޑްސް' މިޝަން ޔޫރަޕްގެ އިއްތިހާދަށް ފުޅާކުރެވިދާނެ ކަމަށެވެ.
މިވަގުތު އެ މިޝަންގެ ސީދާ ކޮމާންޑްގެ ދަށުގައި އިޓަލީގެ އުޅަނދަކާއި ގްރީސްގެ އުޅަނދެއް ބާއްވާފައިއެވެ.




