އަލްޖަޒީރާގެ މަޝްހޫރު ނިއުސް އެންކަރު ޖަމާލް ރައްޔާން އުމުރުން 73 އަހަރުގައި އިއްޔެ އަވަހާރަ ވެއްޖެއެވެ. އަލްޖަޒީރާ ނެޓްވޯކްގެ އެންމެ ފާހަގަކޮށްލެވޭ އެއް މީޑިއާ ޝަޚްސިއްޔަތު ކަމަށްވާ ޖަމާލް ރައްޔާން، އަވަހާރަވީ 50 އަހަރަށް ވުރެން ދިގު މުއްދަތަކަށް މީޑިއާ ޚިދުމަތަށްފަހު އެވެ.
ފަލަސްތީނުގެ ތޫލްކަރަމަށް 23 އޮގަސްޓް 1953 ގައި އުފަންވި ޖަމާލް ރައްޔާން އޭނާގެ މީޑިއާ ކެރިއަރު ފެށީ 1974 ވަނަ އަހަރު ޖޯޑަންގެ ރޭޑިއޯ އަދި ޓީވީންނެވެ. އޭގެ ފަހުން އޭނާ ވަނީ ދެކުނު ކޮރެއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި، ޔޫއޭއީ ޓީވީގެ އިތުރުން ބީބީސީގައި ވެސް މަސައްކަތް ކުރައްވާފައެވެ.

1996 ވަނަ އަހަރު ޤަތަރުގެ އަލްޖަޒީރާ ޗެނަލް އުފެދުނުއިރު، އެ ޗެނަލުން އެންމެ ފުރަތަމަ ފެނިގެންދިޔަ މޫނަކީ ޖަމާލް ރައްޔާންއެވެ. އޭނާ ފާހަގަކުރެވިފައިވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު ހާދިސާތައް ވަރަށް ފަންނީ ގޮތެއްގައި ހށަހަޅުއްވައި ދެއްވި ހުނަރުވެރި ނޫސްވެރިއެއްގެ ގޮތުގައެވެ.
ޖަމާލް ރައްޔާން އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ޔަހޫދީން އޭނާގެ ބައްޕަގެ ގޭ ފޭރިގަތުމުން އެ ވާހަކަ އޭނާގެ އިންޓަރވިއުގައި ވިދާޅުނުވެ ދޫކޮށް ނުލެއްވި ހާދިސާއިންނެވެ.
އަލްޖަޒީރާގައި އިޒްރޭލުގެ އެއިރުގެ ޚާރިޖީ ވަޒީރު ޝިމޯން ޕެރޭޒާއެކު އޮތް އިންޓަރވިއުގެ އެންމެ ފަހު ސުއާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ: ޕެރޭޒް އެވެ! ދެނެ ވަޑައިގަންނަވަން ތޯއެވެ. ތިބާ ދިރިއުޅުއްވަނީ އަޅުގަނޑުގެ ބައްޕަގެ ގޭގައެވެ. އެއަށްފަހު އެ ގެހުންނަ ގޮތާއި އެ ގޭގެ ބޮޑު ޔާފާގެ ކަނޑާއި ކައިރީގައި އެގެ ހުންނަ ކަމާއި އެހިސާބުގެ މޫދު އޭނާ ސިފަކޮށްދެއްވިއެވެ.
ޖަމާލުގެ ސުއާލުން ޕެރޭޒް ރަކިވިއެވެ. އަދި ބުންޏެވެ. ޔަހޫދީންނަކީ މާގިނަ ބިންތަކެއް އޮތް ބައެއް ނޫނެވެ. އަރަބިންނަށް އެތައް ގައުމެއްގައި އެތައް ބިމެއް އެބަ އޮތެވެ. އޭނާ ޖަމާލުގެ ސުއާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އަދި އަލްޖަޒީރާގެ މެނޭޖުމެންޓަކަށްވެސް އެއިރުވެސް ޖަމާލުގެ ސުއާލު ގެނެސްދޭކަށް ނުކެރުނެވެ. އަސްލު އިންޓަރވިއުއިން ސުއާލާއި ޖަވާބު އެޑިޓްކޮށްލިއެވެ.
ސްކްރިޕްޓުން ބޭރުން ޖަމާލު ސުއާލު ކުރެއްވުމުން ޖެހިގެން އައި ދުވަހު އޭނާގެ ބަޔާން ނެގުމަށް ހަމަޖެހުނެވެ. ޖަމާލް އެ ބައްދަލުވުމުގައި އޭނާގެ ގޭގެ ރެޖިސްޓްރިއާއި ކުރެހުންތައް ދެއްކެވިއެވެ. ފަހުންީ އެއީ ނުހިނގާ ކަމެއް ކަމުގައި ނިންމިއެވެ.
ޖަމާލް ރައްޔާން ބޮޑުވީ 14 ކުދިން ތިބި ބޮޑު އާއިލާއެއްގައެވެ. އޭނާގެ ބައްޕައަކީ ޔޫރަޕަށް ގައުމުތަކަށް މޭވާ އެކްސްޕޯޓްކުރާ ދަނޑުވެރިއެކެވެ. 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަކީ އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލި ހާދިސާއެވެ. އެ ދުވަސްވަރު ރޭޑިއޯއިން ޚަބަރު އަޑުއަހައި، ހަގީގަތް ހޯދުމަށް އުފެދުނު ޝައުގުވެރިކަމަކީ އޭނާ މީޑިއާ ދާއިރާއަށް ވަނުމަށް މެދުވެރިވި ސަބަބެވެ.
"އަޅުގަނޑުގެ ބޭނުމަކީ ދޮގުތައް ހާމަކޮށް، ހަގީގަތް ދުނިޔެއަށް އިއްވައިދޭ އަޑަކަށްވުން،" އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ އަވަހާރަވިއިރު، އޭނާއަކީ ޖޯޑަންގެ ރައްވެއްސެކެވެ. ނަމަވެސް، އޭނާގެ ހިތާއި މަސައްކަތް އަބަދުވެސް ގުޅިފައި އޮތީ އޭނާގެ އުފަން ބިން ފަލަސްތީނާއެވެ.





