އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަމްރީނުދޭ ރިޔާ ނެގި ނަވެއް ކަމަށްވާ އައި.އެން.އެސް ސުދަރްޝިނީ، ވަނީ އެ އުޅަނދުން ކުރަމުންދާ 22,000 ނޯޓިކަލް މޭލުގެ ދިގު ދަތުރު 'ލޯކަޔަން-26′ ގައި މޯލްޓާގެ ތާރީޚީ ބަނދަރެއް ކަމަށްވާ ވެލެޓާ ގައި ބަނދަރުކޮށްފައެވެ. މިއީ މި ދަތުރުގައި އެ އުޅަނދުން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެކެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރަކީ އިންޑިއާ އާއި މޯލްޓާއާ ދެމެދު އޮތް ކަނޑުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރެކެވެ. މި އުޅަނދު މޯލްޓާއަށް އައިސްފައިވަނީ ސުއޭޒް ކެނަލް ހުރަސްކޮށް، މިސްރުގެ އެލެގްޒެންޑްރިއާގައި މަޑުކުރުމަށްފަހުގައެވެ.

މޯލްޓާއަށް ބަނދަރުކުރުމަށްފަހު، އުޅަނދުގެ ކޮމާންޑިންގ އޮފިސަރު ވަނީ މޯލްޓާގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ރަޗިތާ ބަންޑާރީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހައި ކޮމިޝަނަރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައާއި 'މަހާސާގަރު' ތަސައްވުރު ކުރިއެރުވުމުގައި މި އުޅަނދުގެ ދައުރު ފާހަގަކުރައްވާފައެވެ.
މި ދަތުރުގައި އުޅަނދުގެ ފަޅުވެރިން މޯލްޓާގެ ސިފައިންނާއެކު ފަންނީ ތަމްރީނުތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން، ސްކޫލް ކުދިންނަށާއި މޯލްޓާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އުޅަނދަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލައި، އިންޑިއާގެ ކަނޑުގެ ސިފައިންގެ ތާރީޚާއި ސަގާފަތް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
އައި.އެން.އެސް ސުދަރްޝިނީ ކޮޗިން އިން ފުރާފައިވަނީ ޖެނުއަރީ 20 ގައެވެ. މިހާރު އެ އުޅަނދުގެ ދަތުރުގެ ދެވަނަ މަސް ގުނަމުންދާއިރު، މޯލްޓާއަށްފަހު ދެން މި އުޅަނދު މިސްރާބު ޖަހާނީ ފްރާންސަށެވެ. އެގައުމުގައި ބާއްވާ 'އެސްކޭލް އޭ ސެޓޭ' މެރިޓައިމް ފެސްޓިވަލްގައި ބައިވެރިވެ، ދުނިޔޭގެ މަޝްހޫރު ރިޔާ ނެގި ނައުތަކާއެކު އިންޑިއާ ތަމްސީލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
![]()







