އިންޑިއާގެ ހޫގްލީ ކޯރުގައި ގާއިމުކުރި އެ ގައުމުގެ ފުރަތަމަ ފުލީ އޮޓޮމޭޓެޑް ޑްރައި ބަލްކް ހޭންޑްލިން ފެސިލިޓީ، ހަލްދިއާ ބަލްކް ޓާމިނަލް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކޮށްދެއްވައިފިއެވެ. ކޮލްކަތާގެ ސާމާ ޕްރަސާދު މުކަރްޖީ ޕޯޓުގެ ހަލްދިއާ ޑޮކް ކޮމްޕްލެކްސްގައި މި ޓާމިނަލް ތަރައްގީކޮށްފައިވަނީ އަދާނީ ޕޯޓްސް އެންޑް ސްޕެޝަލް އިކޮނޮމިކް ޒޯން ލިމިޓެޑް އިންނެވެ.
އަހަރަކު 4 މިލިއަން މެޓްރިކް ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިގެންވާ މި ޓާމިނަލްގެ ސަބަބުން، އިންޑިއާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި މުދާ އުފުލުމުގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.
ހޫގްލީ ކޯރުގެ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ މި މަޝްރޫއަކީ 30 އަހަރު ދުވަހުގެ ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އެންޑް ޓްރާންސްފާ އުސޫލުން އެޗްޑީސީ ބަލްކް ޓާމިނަލް ލިމިޓެޑުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 14، 2023 ގައެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާލުމަކީ އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާގެ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ފުލީ އޮޓޮމޭޓެޑް ޓާމިނަލް ފަރުމާކޮށްފައިވަނީ ޑްރައި ބަލްކް އޮޕަރޭޝަންތައް ހަރުދަނާކޮށް، މުދާ ބަރުކުރުމާއި ބޭލުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށެވެ. މީގެ އިތުރުން، އިރުމަތީ ކަނޑުގެ ލޮޖިސްޓިކްސްއަށް ބަރޯސާވާ ސިނާއަތްތަކުގެ މަސައްކަތްތައް މީގެ ސަބަބުން އިތުރަށް ހަލުވިވެގެންދާނެއެވެ.
މި ޓާމިނަލް އިފްތިތާހު ކުރުމަކީ އިންޑިއާގެ ބަނދަރުތައް ޒަމާނީކުރުމަށާއި، މުޅި ގައުމުގައި މަލްޓިމޯޑަލް ކަނެކްޓިވިޓީ ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޅުނު މުހިންމު ފިޔަވަޅެއެް ކަމަށް އިންޑިއާއިން ބުނެއެވެ. މީގެ ސަބަބުން ސަރަހައްދީ ވިޔަފާރިއަށާއި އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.








