މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވަނީ، ގައުމެއްގެ ދިފާއީ ނިޒާމު ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައި އޮތުމުން ކުރިމަތިވާ ނުރައްކާތަކާ ބެހޭގޮތުން މުސްލިމް ގައުމުތަކަށް މުހިންމު ފިލާވަޅެއް ދަސްކޮށްދެއްވާފައެވެ.
މިގޮތުން 2004 ވަނަ އަހަރު މެލޭޝިއާއިން އެމެރިކާ ސަރުކާރުން ގަތް އެފް/އޭ-18 ހޯނެޓް މަރުކާރުގެ ހަނގުރާމަމަތީ ބޯޓުތަކާ ގުޅޭގޮތުން އޭނާ ވަނީ ހައިރާންކުރުވަނިި ހަގީގަތްތަކެއް ހާމަކުރައްވާފައެވެ.
މެލޭޝިއާއިން 640 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ދިނުމަށްފަހު 8 ބޯޓު ގަތެވެ. މެލޭޝިއާގެ އިންޖިނޭރުންނާއި ތަޖުރިބާކާރުންގެ ޓީމަކުން ވަނީ އެ ބޯޓުތަކުގެ ގާބިލުކަން ދެނެގަތުމަށް ދިރާސާއެއް ކޮށްފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، ބޯޓު އުދުހޭ އުސްމިނާއި، ދުވެއްޔާއި، އޮތް ތަނާއި، ދަތުރުކުރާ މަގުގެ އިތުރުން ޕައިލެޓާއި ކޮންޓްރޯލް ރޫމާ ދެމެދު ކުރެވޭ ހުރިހާ މުއާމަލާތެއް އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަގުތުން އެ ބޯޓުން ފޮނުވަމުންދެއެވެ.

މަހާތީރު ފާހަގަކުރެއްވި ގޮތުގައި، މި ބޯޓުތަކުގެ އޮޕަރޭޓިން ސިސްޓަމާއި އޮޓޯޕައިލެޓް ފީޗާ އެމެރިކާގެ މަރުކަޒަކުން ކޮންޓްރޯލް ކުރެވެއެވެ.
"މީގެ މާނައަކީ އެމެރިކާގެ އޮފިސަރަކު ބަޓަނަކަށް ފިތާލުމުން ބޯޓުގެ މިސްރާބު ބަދަލުކޮށް، ބޯޓު ވައްޓާލައި ނުވަތަ ހަމަލާދޭންވީ އަމާޒުވެސް ބަދަލުކޮށްލެވިދާނެއެވެ،" އޭނާ ވިދާޅުވިއެވެ.
މެލޭޝިއާއިން މި ސިސްޓަމަށް ބަދަލު ގެންނަން އުޅުމުން އެމެރިކާއާއި މެކްޑޮނަލް ޑަގްލަސް ކުންފުނިން ވަނީ އެކަމަށް ހުރަސްއަޅައި، ބޯޓުގެ މަރާމާތަށް ބޭނުންވާ ސާމާނު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ހާދިސާއިން މެލޭޝިއާއަށް ވިސްނުނު އެންމެ ބޮޑު ހަގީގަތަކީ، އެމެރިކާގެ ހުއްދައާ ނުލައި ހަގީގީ ހަނގުރާމައެއްގައި އެމެރިކާއިން ސަޕްލައި ކުރާ ބޯޓުތައް ބޭނުން ނުކުރެވޭނެ ކަމެވެ. މަހާތީރު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި މެލޭޝިއާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ގިނަ އަރަބި އަދި މުސްލިމް ގައުމުތަކުގެ ހާލަތަކީވެސް މިއީއެވެ.
މަހާތީރުގެ މި ވާހަކަފުޅުން ދެއްވި މެސެޖަކީ، ގައުމެއްގެ އަމިއްލަ ދިފާއީ ޓެކްނޮލޮޖީ އުފައްދައި ކުރިއަރުވަންދެން، އެ ގައުމަކީ އަބަދުވެސް އެހެން ބައެއްގެ މައްޗަށް ބަރޯސާވެފައި އޮންނަންޖެހޭނެ ގައުމެއް ކަމެވެ. އަދި ހަގީގީ މިނިވަންކަން ލިބޭނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އީރާނުން ވަނީ މިއަދު އެކަން ސާބިތުކޮށްދީފައެވެ. އީރާނުގެ ގޭހާއި ތެލަށް ލިބުނު ފައިސާއިން ބެންކޮކްގެ ރެޑްލައިޓް އޭރިއާ ބިނާކޮށްދިނުމުގެ ބަދަލުގައި އީރާނުން ވަނީ އިންސާނުން ބިނާކޮށް އަމިއްލަ ޓެކްނޮލޮޖީ އުފައްދާފައެވެ.






