އިޒްރޭލަށް ވާގިވެރިވެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާތީ އަދި ސޯމާލިއާގެ ސިޔާދަތާއި، އިސްތިގުލާލާއި، އަދި ގައުމުގެ އެއްބައިވަންތަކަން ހިމާޔަތްކުރުމަށްޓަކައި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއެކު ސޯމާލުން ހަދާފައިވާ ހުރިހައި އެއްބަސްވުންތަކެއް ބާތިލުކުރުމަށް ސޯމާލިއާގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ.
ސޯމާލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީގެ ސަރުކާރާއި، އެ ގައުމުގެ މުއައްސަސާތަކާއި، އަދި ސޯމާލިއާގެ ސަރަހައްދީ އިދާރާތަކާއެކު ޔޫއޭއީން ވެފައިވާ ހުރިހައި އެއްބަސްވުންތަކެއް މި ނިންމުމުގެ ދަށުން ބާތިލުވާނެ ކަމަށެވެ. މީގެ ތެރޭގައި ސޯމާލިއާގެ ބަރުބަރާ، ބޮސާސޯ، އަދި ކިސްމާޔޫ ބަނދަރުތަކާ ގުޅޭ އެއްބަސްވުންތަކުގެ އިތުރުން، ސަލާމަތީ އަދި ދިފާއީ ދާއިރާއިން ވެފައިވާ އެއްބަސްވުންތައް ވެސް ހިމެނެއެވެ.
ވަޒީރުންގެ މަޖިލީހުން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާސީ މިސްރާބަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއް ޔޫއޭއީން ކުރަމުންދާކަމުގެ ވަރުގަދަ ސާބިތު ހެކިތަކެއް ލިބިފައިވާތީއެވެ. މިފަދަ އަމަލުތަކަކީ އދ އާއި، އެފްރިކަން ޔޫނިއަން، އަދި އަރަބް ލީގު ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އުސޫލުތަކާ ހިލާފު ކަންތައްތަކެއް ކަމަށް ވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މި ނިންމުމާ ގުޅިގެން ސޯމާލިއާގެ ފޮރިން މިނިސްޓްރީއަށް ވަނީ އެކަން ރަސްމީކޮށް ޔޫއޭއީ ސަރުކާރަށް އެންގުމަށާއި، ބައިނަލްއަގުވާމީ ބައިވެރިންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުމަށް އަންގާފައެވެ. ސޯމާލިއާ ސަރުކާރުން ބުނީ ގައުމުގެ މިނިވަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއެކު ވެސް ގުޅުން ބޭއްވުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.






