އެމެރިކާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމަކުން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުގެ ލީޑަރު އާޔަތުﷲ މުޖުތަބާ އަލީ ޚާމަނާއީ ދެކޮޅު ހައްދަވައިފިއެވެ.
އީރާނުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޚާމަނާއީ މި ހުށަހެޅުންތައް ބާތިލްކުރެއްވީ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ. މިއީ މެދުވެރިއެއްގެ ދައުރު އަދާކުރާ ދެ ގައުމަކުން ހުށަހެޅި ކަންތައްތަކެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ "މިއީ ސުލްހަވާންވީ ވަގުތެއް ނޫން" ކަމަށާއި، އެމެރިކާ އާއި އިސްރާއީލު ބަލިކުރަން ޖެހޭ ވަގުތު ކަމަށެވެ. އަދި އެމެރިކާއިން އީރާނަށް ދީފައިވާ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލާރީޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ. ކަޓްޒް ބުނި ގޮތުގައި ލާރީޖާނީއަށް އަމާޒުކޮށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ.





